އަންހެން ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން މަންމަ ދިން އަގުހުރި ނަޞޭޙަތް- މިފަދަ މައްސަލަތައް ޖެހޭނަމަ ނިކަން ތަޖުރިބާކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
އަންހެން ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން މަންމަ ދިން އަގުހުރި ނަޞޭޙަތް- މިފަދަ މައްސަލަތައް ޖެހޭނަމަ ނިކަން ތަޖުރިބާކޮށްލަބަލަ!

އަޅުގަނޑުގެ ބައިވެރިޔާއަކީ ވަރަށް ރަނގަޅު މީހެކެވެ. އެކަމަކުވެސް އަޅުގަނޑަސް ބަލައިގަންނަން އުނދަގޫވާ ބައެއްކަންކަން އެބަކުރެއެވެ. އެއިން ކަމެއްގެ ވާހަކަ ބުނެފިނަމަ ހިތްހަމަނުޖެހިދާނެތީ ބުނަން ނުކުރިފައި ހުންނަން ހަދައިގެން ވަރަށް ގިނަ އުނދަގޫތައް އެބަ ކުރިމަތިވެއެވެ. 

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ޙާލަތުގައި ކަންކަން ކުރަން އެންމެ ރަނގަޅު ގޮތް ތިރީގައިވާ ވާހަކައިގައިވާ ހެޔޮލަފާ މަންމައެއްގެ ނަޞޭޙަތުން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ނަމަވެސް މިޒާޖުގައި ވަރަށް ބޮޑު ތަފާތުކަމެއް ހުރެއެވެ. ފިރިމީހާއަކީ އޭނާގެ ގާތް އެކުވެރިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އެހެންވެ އަންހެން އެކުވެރިންނާއި ބައްދަލުވުމުންވެސް ވަރަށް ގާތްކޮށް ކަންކަން ކުރެއެވެ. ޚާއްޟަކޮށް އޭނާގެ އެންމެ ގާތް އެކުވެރި އަންހެންކުއްޖާ އާއި ބައްދަލުވުމުން ގައިގައި އަތްލުން ފަދަ ކަންކަންވެސް ކުރެއެވެ. 

އަނބިމީހާއަށް އެކަންކަން ބަލައެއް ނުގަނެވެއެވެ. އެހެންވެ ދެމީހުންގެ މެދުގައި އަބަދުވެސް އަންނަނީ އެކިބާވަތުގެ މައްސަލަތައް ޖެހެމުންނެވެ. އަނބިމީހާގެ މައްސަލައަކީ އެކަންކަމަކީ އޭނާ ރުހޭ ކަންކަން ނޫންކަމުގައި ފިރިމީހާ ގާތުގައި ބުނަން ނުކެރުމެވެ. އެހެންވެ ފިރިމީހާއަށް ހުންނަން ޖެހުނީ ބޮލަށް އުނދަގޫވުމެއްގެ ތެރޭގައެވެ. 

އެކަމުގެ ނަތީޖާއަކަށްވީ ކައިވެނި ރޫޅޭ ހާލަތަށް ކަންކަން ދިއުމެވެ. އެޙާލަތަށް ދިއުމުން އަނބިމީހާ އޭނާއަށް ކުރިމަތިވާ މައްސަލަތައް މަންމައަށް ކިޔައިދިނެވެ. ބުންޏެވެ. "މަންމާއެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އެކަމަކު މިބާވަތުގެ ކަންކަން ކުރިމަތިވާތީ މައްސަލަތައް ޖެހެނީއެވެ." 

މަންމަ ބުންޏެވެ! "ދަރިފުޅާއެވެ! ފިރިމީހާ އާއިމެދު ރަނގަޅަށް ވިސްނާށެވެ. ދަރިފުޅަށް ބޭވަފާތެރިއެއް ނުވެއެވެ. ދަރިފުޅު ދެކެ ލޯބިވެއެވެ. ލޯބިން އެކުގައި އުޅެން މަސައްކަތްކުރެއެވެ. ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށްދެއެވެ. ދަރިފުޅާއި އަޅައިލައެވެ. ދެން ތިއަ ދައްކަނީ އޭނާގެ ކިބައިގައި ހުރި ދަރިފުޅު ހިތްނުއެދޭ ބައެއް ސިފަތަކުގެ ވާހަކަތަކެވެ. ރަނގަޅު ވަގުތެއް ހޯދާފައި ވަރަށް ލޯބިން ދަރިފުޅުގެ ކަންބޮޑުވުންތައް ކިޔައިދޭށެވެ. ނަމަވެސް އެފަދަ އާދަތައް ހިފިފައި ހުންނަ މީހަކަށް ކުއްލިއަކަށް ހުރިހާ ކަންކަން ދަރިފުޅު އެދޭގޮތަށް ބަދަލުނުކުރެވިދާނެއެވެ. ވީމާ އޭނާއަށް ވަގުތުވެސްދޭންވާނެއެވެ. 

ދެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަކީ ފިރިމީހާއަކީ ދަރިފުޅުގެ ބައްޕަ ނޫންކަމެވެ. ވީމާ ދަރިފުޅުގެ ކިބައިން އޭނާގެ ބޮލަށް އުނދަގޫވާ ޒާތުގެ ކަންކަން އަބަދުމެދުވެރިވާނަމަ ފުދިގެން ނުހުންނާނެއެވެ. ހަށިފޮޅައިލާނެއެވެ. 

ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކަށްވަނީ ދެމީހުންގެ ގުޅުމެވެ. އެގުޅުން ދެމިއޮންނާނީ ހިތްހަމަނުޖެހޭ ކަންކަމުގައި ދެމީހުން މަޝްވަރާކުރިވަރަކުންނެވެ. އަނގައިން ނުބުނެ ތިބެގެން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. އެންމެ މުހިންމު ކަމަކީ ކަމަކާއިމެދު ހިތްހަމަނުޖެހުނަސް ރުޅި އިސްނުކޮށް ލޯބިން ވާހަކަ ދެއްކުމެވެ." 

ދަރިފުޅަށް މަންމަ ދިން ނަޞޭޙަތް ޤަބޫލުކޮށް މަންމަ ބުނި ފަދައިން ކަންކަން ކުރިއެވެ. ނަތީޖާއަކަށްވީ ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާ ކަންބޮޑުވި ކަންކަން ފިރިމީހާ އިޞްލާޙްކުރުމެވެ. އެއްވެސް މައްސަލައެއް ނުޖެހި ލޯބިން އުފަލުގައި ދިރިއުޅެވެން ފެށުމެވެ. 

މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން ދިމާވިގޮތެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހުމުން އޭނާގެ މަންމަ ދިން ނަޞޭޙަތެވެ. އަދި އެކަމުން ފެނުނު ނަތީޖާއެވެ. 

މިވާހަކަ މިއަދުނޫހާއި ޙިއްޞާ މިކުރީ މިއީ މާބޮޑުވާހަކައަކަށްވެގެން ވާހަކައެއްގެ ގޮތަކު ނޫނެވެ. ނަމަވެސް ވަރަށް ޢިބްރަތްތެރި ނަޞޭޙަތަކަށްވެސް އަދި ފިލާވަޅަކަށްވެސް ވާތީއެވެ. މިފަދަ މައްސަލަތައް ޖެހި ކައިވެނިތައް ރޫޅެމުން އަންނައިރު ކޮންމެވެސް ބައަކަށް ފައިދާކޮށްފާނެ ކަމުގެ އުންމީދުގައެވެ.

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން