ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ހާމިދު ޝަފީޢު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހާމިދު ޝަފީޢުއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން ވަޒީފާ އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމިދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ މަރުޙޫމްގެ ޢާއިލާއަށް މި ދަނޑިވަޅުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ހާމިދު ނިޔާވީ، ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރި އޮޕަރޭޝަނަކަށް ފަހުއެވެ.