ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރުމަކީ ދުނިޔޭގަވެސް އެމީހަކު ފަޟީޙަތްވެ ދެރަގޮތްތައް މެދުވެރިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރުމަކީ ދުނިޔޭގަވެސް އެމީހަކު ފަޟީޙަތްވެ ދެރަގޮތްތައް މެދުވެރިވާ ކަމެއް!

ލޯބިން ނދިރިއުޅޭ ދެމަފިރިއެއްގެ ދެމެދަށް ވަދަގަންނަން މަސައްކަތްކޮށް ބައެއް މީހުންނަށް އެކަން ކާމިޔާބުވެސް ކުރެވެއެވެ. ނަމަވެސް ގިނަ ފަހަރު ހިތްހަމަޖެހިގެން ހުރެވެނީ ދާދި މަދު ދުވަސްކޮޅަކުއެވެ. ލިބޭދެރަ މާބޮޑުވެއެވެ. އަދި ވަރަށް ގިނަ ފަހަރު އެކަން ކާމިޔާބު ނުކުރެވެނީސް ކޮޅުކެހިލިބި ދުނިޔެއަށް ފަޟީޙަތްވެވެއެވެ. 

އެހެން އެކަންކަން މެދުވެރިނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެމަފިރިއެއްގެ ދެމަދަށްވަދެގަނެ ދުރުކުރުވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތައް ކަމުގައި ޢިލްމްވެރިން ބަޔާންކުރައްވަވައެވެ. ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭނަމަ އެކަމެއް ޙައްލުކުރަން ދޮގުބުނުން ހުއްދަކުރައްވަވާފައި އޮތުމަކީވެސް ދެމަފިރިން ވަކިނުވެ އެކުގައި ދިރިއުޅުމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރު އަންގައިދޭ ކަމެކެވެ. 

ޝައިޠޯނާގެ ބަހަށް ހެއްލެވުން ބޮޑުވުމާއި އަމިއްލަ އުފާތަކަށް އިސްކަންދެވޭ މިންވަރު ބޮޑުވުމުން އެކަންކަމަށް ވިސްނައިނުލެވެނީއެވެ. ތިރީގައިވާ ވާހަކައަކީ ދެމަފިރިންގެ ދެމެދަށް ވަދެގަންނަން މަސައްކަތްކުރާ މީހުންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އެއީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ކައިވެންޏަށް 5 އަހަރުވީތަނާ ވަޒީފާއެއްގައި ފިރިމީހާއަށް ޖެހުނީ އެހެން ޤައުމަކަށްދާށެވެ. އެއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާ މަސައްކަތްކުރަމުން ދިއައީ އޭނާގެ ކަންކަން ހަމަޖެހުމުން އަނބިދަރިންވެސް އޭނާގެ ގާތަށް ގެންދިއުމަށެވެ. 

އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާއަކީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ ފިރިމީހާ ޙާޞިލްކުރަން މަސައްކަތްކުރަމުން ދިއަ އަންހެނެކެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފައި ބުނަމުން ގެންދިއައެވެ. "ތިއަހެން ހަމަ އެކަނި ހުންނާނީ ހެއްޔެވެ؟ ފިރިމީހާގެ ގާތަށް ދެވެންދެން ގެންގުޅޭނެ އެކުވެރިއަކު ނިކަން ހޯދައިބަލާށެވެ. އެއްވެސް ފިރިހެނަކީ ތެދުވެރިވާނެ މީހެއް ނޫނެވެ. ފިރިމީހާވެސް މިހާރު އުޅޭނީ އެކުވެރިއަކު ނަގައިގެންނެވެ." 

ތަކުރާރުކޮށް މިގޮތަށް ވާހަކަ ދައްކަމުން ގެންދިއުމުގެ ސަބަބުން އޭނާ އެކަމަށް އެއްބަސްވިއެވެ. އެއްބަސްވުމުން އަވަސްއަވަހަށް ބައިވެރިއަކު ހޯދައިދިނެވެ. އެކުވެރިޔާގެ ކަމަކީ ދެމީހުން އެކުގައި ފޮޓޯތައް ނަގައި ޖަމާކުރަމުން ގެންދިއުމެވެ. ވީޑިއޯކުރަމުން ގެންދިއުމެވެ. 

އަހަރެއްހައި ދުވަސްފަހުން ފިރިމީހާ ޗުއްޓީއެއްގައި އައެވެ. އައުމާއިއެކު ސިއްރުން ބައްދަލުކޮށްފައި ފޮޓޯތަކާއި ވީޑިއޯތައް ދެއްކިއެވެ. އެއްދުވަހަކު އެފަދަ ވާހަކައެއްގައި ތިއްބައި އަނބިމީހާ އެތަނަށް ދިއުމުން އެކުވެރިޔާއަށް ނުހުރެވިގެން ބުންޏެވެ. "ފިރިމީހާ ރަށުގައި ނެތްއިރު ޚިޔާނާތްތެރިވެފައި ހެވިފައި ހުރެގެން އައިސް ލޯބިވާކަމަށް ހެދިގެން ކުރިމަތީގައި ހުއްޓޭކަށް ލަދެއްވެސް ނުގަނޭ ހެއްޔެވެ؟" 

އެމޭރުމުން އެންމެ ގާތް އެކުވެރިޔާ ވާހަކަދެއްކުމުން އަނބިމީހާ ޙައިރާންވެފައި ހުއްޓާ އެކުވެރިޔާގެ ވާހަކަތަކަށް ޖަވާބުދިނީ ފިރިމީހާއެވެ. "ކަލޭ ހީކުރަނީ ހުރިހާ އަންހެނުންނަކީ ވެސް ކަލޭކަހަލަ މަކަރުވެރިން ކަމަށް ހެއްޔެވެ؟ ކަލޭ ޖެހި ދަންތުރައިގައި އަހަރެންގެ އަނބިމީހާ ނުޖެހެއެވެ. ކަލެއަށް ހޯދައިދެވުނީ އަހަރެންގެ ބޮޑުދައިތަގެ ދަރިފުޅެވެ. އެދެމީހުންގެ މެދުގައި އޮތީ ޢާއިލީ  ގުޅުމެކެވެ. ބޭބެ ރަށުގައި ނެތުމުން ބޭބެގެ އަނބިމީހާއަށް އެހީތެރިވެދިނީއެވެ. އޭނާވެސް އަދި އަނބިމީހާވެސް އައީ ހުރިހާ ވާހަކަތަކެއް ކިޔައިދެމުންނެވެ. ކަލޭ ތިއަ ގެންގުޅޭ އެއްވެސް ފޮޓޯއެއް ނޫނީ ވީޑިއޯއަކުން ނުބައި އަމަލެއް ހިންގާތަން ނޫނީ އެންމެ ކުޑަމިނުން ދެމީހުން ބައްދައިލިތަންވެސް އެބަފެނޭހެއްޔެވެ؟ 

ބުނަން ހެއްޔެވެ؟ އަހަރެމެން ދެމަފިރިންގެ ދެމެދަށް ވަންނަން ކަލޭ މަސައްކަތްފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެކަން އަހަރެމެން ދެމީހުންނަށްވެސް ރަނގަޅަށް އެނގެއެވެ. އަހަރެމެން އުޅެމުން މިއައީ ކަލެއާއިމެދު ވަރަށް ބޮޑަށް ހޭލުންތެރިވެތިބެގެންނެވެ. ދެންވެސް ތިއަފަދަ ނުބައި ޢަމަލުތައް ނުކުރާށެވެ! އަހަރެމެން ދެމަފިރިންގެ ދެމެދަށް ކަލެއަކަށްވެސް އެހެން މީހަކަށްވެސް ނުވަދެވޭނެއެވެ. އިން ޝާ ﷲ. އެންމެ ރަނގަޅު ނޫން ހެއްޔެވެ؟ 

އަހަރެން މިއައީ އަނބިމީހާ އާއި 2 ދަރިން ބަލައެވެ. ގޮވައިގެން މާދަން މިފުރަނީއެވެ. ދެންވެސް ތިއަބާވަތުގެ މަކަރުވެރި ކަންކަން ނުކޮށް ރަނގަޅު މީހަކު ހޯދައިގެން ހަރުދަނާ ދިރިއުޅުމެއް އުޅެން ނިކަން މަސައްކަތް ފަށައިބަލާށެވެ!" 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ޚުލާޞާއެވެ. މިވާހަކަކޮޅުގެ މުހިންމުކަން ބޮޑުކަމުން ހަމަ ހިއްޞާކޮށްލީއެވެ. މިއީ ފިލްމެއް ނަމަވެސް މިބާވަތުގެ ކިތައް ކަންކަން ކޮންމެ ދުވަހަކު އެބަހިނގާހެއްޔެވެ؟ މިބާވަތުގެ އެކުވެރިންގެ ސަބަބުން ދުވާލަކު ކިތައް ކައިވެނި އެބަ ރޫޅިގެންދޭ ހެއްޔެވެ؟ މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ޢާންމުވެފައިވާ ވަރަށް ބޮޑު ވަބާއެކެވެ. 

ޚުދު އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅެން މެދުވެރިވީވެސް އެންމެ ގާތް އެކުވެރިޔާއެވެ. އޭނާއާއިއެކު ދެވުނު ކޮފީތަކުން ފިރިމީހާގެ ހިތުގައި އުފެދުނު ޝައްކުތަކެވެ. ދެރައީ ފިރިމީހާއަށް ޙަޤީޤަތް އެނގުނުއިރު ކައިވެނި ރޫޅިފައިވީކަމެވެ. އެކަމުގެ ސަބަބުން އަލުން ގުޅެންޖެހުނު ކަމެވެ. އޭނާއަށްވެސް މެދުވެރިވީ ހަމަ އެފަދަ ގޮތެކެވެ. އޭނާގހެ މަކަރުވެރި ރޭވުންތައް ބޭޒާރުވީއެވެ. އެކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑު ފައިދާއެއްވެސް މިވަނީ ކޮށްފައެވެ. އެއީ ފިރިމީހާ މިހާރު މާބޮޑަށް ލޯބިވެއެވެ. މާބޮޑަށް އިތުބާރުވެސް ކުރެއެވެ. 

އަޅުގަނޑަށް ލަނޑުދިން އެކުވެރިޔާއަށް އަދިވެސް އިންނާނެ މީހަކު ނުލިބެއެވެ. އެހެންހުރެ ނަޙަލާލަށް ވިހައިވެސްފިއެވެ. ދެރަލިބި ފޭލްވީ ކާކުހެއްޔެވެ؟ 

ވީމާ މިފިލްމު ފެނުމުން ހަމަ ޙިއްޞާކޮށްލަން ބޭނުންވީއެވެ.

 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން