ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ވަނީ ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
މިޙަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްތަރ ޙުސައިން ފަހުމީ ވިދާޅުވީ ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެ ކަމަށާއި ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދަޢުލަތް ހީނަރުވެ، ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމަށެވެ.
ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ވެސް ޙުސައިން ފަހުމީ އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މިދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ޚިދުމަތުގަ، ރައްޔިތުންނަށް މި ދޭ ޚިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް"، ފަހުމީ ވިދާޅުވިއެވެ.







