ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިަވަނީ، މި 22 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށާއި މި އޮޕަރޭޝަން ހިންގާފައިވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެންނެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވިގޮތުގައި، ހުޅުމާލޭގެ 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު، އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީން ފެނުނެވެ. މީގެ އިތުރުން، މި ތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާ ގުޅުން އޮތް ތަނެއްކަންވެސް އިމިގްރޭޝަނުން ހާމަކުރެއްވިއެވެ.
އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ.