މިހާރުގެ ގިނަ ބައެއްގެ އާދައަކީ ދެމަފިރިން އެކުގައި އުޅެނިކޮށްވެސް އަތްމަތި ދަތިވެއްޖެނަމަ މަގުކުރުކޮށްލައި ތަނަވަސްކަން ލިބެން އޮތް މަގަކުން ކުރިއަށްދިއުންކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ. ދަތިޙާލަށް ކެތްތެރިވެ އެޙާލަތުން އަރައިގަންނަން އެހީތެރިވެދޭ ބައިވެރިއަކު ލިބިފައިޥާނަމަ އެމީހަކަށް އެވަނީ ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު ޖަވާހިރު ލިބިފައެވެ.
އެހެންކަމާއިއެކުވެސް އެކަމަށް ޝުކުރުވެރިވެ ބަލައިގަންނަން އެނގެނީ މަދުމީހަކަށެވެ. ތިރީގައިވާ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ
އަހަރެންވެސް ހުރީ ކިޔަވައިގެންނެވެ. ނަމަވެސް ވަޒީފާއަކަށް ނުދަމެވެ. އެއީ ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަންކޮށްދޭން ހުރަހަކަށްވެދާނެތީއެވެ. އެހެންވެ ފިރިމީހާއަށް ލިބޭ މިންވަރަށް ފުއްދައިގެންހުރީއެވެ. ލިބިދާނެ ގިނަ ފައިސާތަކަކަށްވުރެ ޒަވާޖީ ޙަޔާތް މާ މުހިންމުކަމަށް ޤަބޫލުކުރެވޭތީއެވެ. ކައިވެނި ކުރިއިރު ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން އަޅުގަނޑު މަރުވަންދެން ހަމައެގޮތުގައި ދަމަހައްޓަން ބޭނުންވާތީއެވެ.
އެއިރު އަހަރެމެންގެ ކައިވެންޏަށް 3 އަހަރެވެ. ކޮވިޑާއި ގުޅިގެން ކުންފުނިތަކުން މުވައްޒިފުން މަދުކުރިއިރު ފިރިމިހާވެސް ވަޒީފާއިން ވަކިކުރިއެވެ. އެހެންވެ ފައިސާ އިތުރަށް ލިބޭނެ ގޮތެއް ނެތުމުން ދެމީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. އެކަމަށް ވިސްނަމުންގޮސް މޮޔަވާ ހިސާބަށް ފިރިމީހާގެ ކަންކަން ދިއައެވެ.
އެޙާލަތުގައި "ކަރުދާސް ކުންފުންޏެއް" އުފައްދައި މަސައްކަތެއް ލިބޭތޯ މަސައްކަތްފެށީމެވެ. އެގޮތުން ތަންތަނަށް ބީލަން ހުށަހަޅަމުން ދަނިކޮށް ވަރަށް ރަނގަޅު މަސައްކަތެއް ލިބުނެވެ. އެކަން ކާމިޔާބުވި ދުވަހު ފިރިމީހާގެ ދުލުން އަޅުގަނޑަށް ނުކުރާ ތަޢްރީފެއްނެތެވެ. އެއީ އެކަންކާމިޔާބުކުރެވުނީ ހަމަ އަޅުގަނޑު އެކަނި ކުރިމަސައްކަތުން ކަމަށްވުމުންނެވެ.
މަސައްކަތްކުރާނެ މީހުންކޮޅެއް ހޯދާލައިގެން ފިރިމީހާ މަސައްކަތް ފެށިއެވެ. މުއްދަތަށްވުރެ ކުރިން މަސައްކަތްނިންމާލެވުމުން ވަރަށް ބޮޑު ފައިދާއެއްވެސްލިބުނެވެ. ނަޞީބުރަނގަޅުކަމުން ފުލުފުލުގައި އިތުރު 2 މަޝްރޫޢުގެ މަސައްކަތްލިބުނެވެ. ފިރިމީހާގެ އަތްމަތި ތިޔާގިވެއްޖެއެވެ. އެހިސާބުން ފިރިމީހާއަށް އޭނާގެ އަޞްލް ސައިޒްއޮޅި މާބޮޑު ހިޔަންޏެއް ފެންނަން ފަށައިފިއެވެ.
ނަތީޖާއަކަށްވީ ޒުވާން އަންހެންކުދިންތަކާއިއެކުގައި އުޅެން ފެށުމެވެ. އެއިގެ ތެރެއިން ލޯބިވެރިއަކު ވެސް ހޯދައި އަޅުގަނޑު ވަރިކޮށްލައި ގެއިން ނެރެލުމެވެ. އެދުވަހު އޭނާގެ މާޒީ އެތައް ފަހަރަކު ކިޔައިދިނީމެވެ. ވަޒީފާ ގެއްލުމުން އުޅެންޖެހުނު ޙާލާއި ފައިސާ ލިބެންފެށިގޮތް ހަނދާންކޮށްދިނީމެވެ. އެއިރު އަޅުގަނޑަށްކުރި ތަޢްރީފްވެސް ހަނދާންކޮށްދިނީމެވެ. ޖަވާބަކަށްވީ "މާބޮޑަށް ފޫހިވެއްޖެ" ކަމަށާއި ދެން އެކުގައި ނުއުޅެވޭނެ ކަމަށެވެ.
ގެއަކީ އަޅުގަނޑުގެ ގެ ކަމަށްވުމުން ގެއިން ނުކުތީ އޭނާއެވެ. އަގުބޮޑު އެޕާޓްމަންޓެއް އެއިރުވެސް ހުރީ ކުއްޔަށް ހިފައިފައެވެ. ވީމާ އެކަން އޭނާއަށް އެއްވެސް މައްސަލައަކަށް ނުވިއެވެ. އެއްޗެތި ގޮވަމުން ނުކުމެގެން ދިއައީ އަޅުގަނޑުގެ ޚަރަދަށް އެންމެ ރުފިޔާއެއްވެސް ނުދީއެވެ. ތެދަށްބުނާނަމަ އެދުވަހު ކެވޭނެފަދަވެސް އަތަކު ނެތެވެ. އެހެންކަމުން 3 ދުވަސްވަންދެން ކައިހެދީ ގޭގައި ކުރިން ގަނެފައި ހުރި އެތިއެތިކޮޅެވެ.
3 ވަނަ ދުވަހު ބިޑް ޑޮކިޔުމަންޓް ތައްޔާރުކޮށްދޭކަމަށާއި އެގްރިމަންޓްތައް ހަދައިޑޭކަމަށް އައިބޭގައި ލިޔުނީމެވެ. ﷲ ގެ ރަޙްމަތްފުޅުން ޕޯސްޓްކުރިތާ 2 ގަޑިއިރު ނުވަނީސް ބިޑް ޑޮކިޔުމަންޓެއް ތައްޔާރުކުރަން ބޭނުންވެގެން މީހަކު ގުޅައިފިއެވެ. އޭނާ ފުރަތަމަވެސް އަގުގެ ދެބައިކުޅަ އެއްބައި ދިނެވެ. މަސައްކަތް ނިމުމުން އަނެއްބައިދިނެވެ. ދެން އޭނާ ބުނީ ބިޑް ކާމިޔާބުވެއްޖެނަމަ ހަދިޔާއެއް ދޭނެ ކަމަށެވެ. ބިޑް ކާމިޔާބުވިއެވެ. އޭނާ ވަޢުދުވިފަދައިން ހަދިޔާވެސް ދިނެވެ.
މަސައްކަތް ލިބެން ފެށިއެވެ. ފައިސާވެސް ލިބެން ފެށިއެވެ. ތަނަވަސްކަންވެސް ލިބުނެވެ. އެންމެ އުފާވީ ފުރަތަމަ މީހާއަށް ހަދައިދިން ބިޑް ކާމިޔާބްވުމުން ރަނގަޅު ހަދިޔާއެއް ދިނީތީއެވެ. ހަދިޔާ ބެހެއްޓީ ސޭވިންގ އެކައުންޓުގައެވެ. އެއަކު އަތެއް ނުލަމެވެ. ޚަރަދުކުރަމުން އައީ އިތުރަށް ލިބޭ ފައިސާއިންނެވެ.
ކޮންމެއަކަސް އަޅުގަނޑު މަސައްކަތްކޮށްދިނީ 4 ފަރާތަކަށެވެ. ގިނަކުރީމާ މަސައްކަތް ވަގުތަށް ރަނގަޅަށް ނުނިންމޭތީއެވެ. އެ 4 ކްލައިންޓުން އަތުން ރަނގަޅު އާމްދަނީއެއް ލިބޭތީ ފުދިގެންހުރީއެވެ.
އެއް ރެއެއްގެ 8 ޖަހާއެހައިކަންހާއިރެވެ. ކްލައިންޓަކު ބައްދަލުކޮށްލަން ބޭނުންކަމަށް ބުނީމާ ބައްދަލުކުރީމެވެ. އޭނާ ދެއްކި ވާހަކައިން ފުރަތަމަ ހީކުރީ ސަމާސާ ކުރަނީ ކަމަށެވެ. "މިރޭ މިއައީ މުޅިން ތަފާތު ބިޑެއްގެ ކަންތަކުގަ. ޕްރަޕޯސަލެއް ތައްޔާރުކޮށްދޭންވީ ހުށަހެޅީމާ ދެމީހުންނަށް ކައިވެނިކުރެވޭނެ ގޮތަށް. މިހާރު ދެމީހުން ދަންނަތާ އަހަރުވެއްޖެ. ވަރަށް ކުރިންސުރެ ހުރީ މި ޕްރަޕޯސަލްގެ ވާހަކަ ދައްކަން ބޭނުންވެގެން. ނަމަވެސް ލަސްކޮށްލީ ކުޑަކޮށް އަތްމަތި ތިޔާގިވެލަންދެން. އަދިވެސް އެހައި ތިޔާތްގެއް ނޫން. އެކަމަކު މެނޭޖްކުރެވޭވަރުވެއްޖެ. ކެތްތެރިކަން ކޮޅުންލީމާ މިވާހަކަ މިދެއްކީ."
ކޮންމެއަކަސް އެކަމަށް ވިސްނީމެވެ. ހަފްތާއެއްފަހުން ރުހޭކަމަށް ބުނީމެވެ. އޭނާއަކީ ކައިވެނި ނުކޮށްހުރި މީހެކެވެ. ރުހޭބަސް ދިނުމާއިއެކު ކައިވެނިކޮށްފިއެވެ. އެހިސާބުން ދެމަފރިން އެކުގައި މަސައްކަތްކުރަން ފެށިއެވެ. މިފަހަރު މަސައްކަތް ފެށީ ކުންފުނީގެ ޙިއްޞާދާރެއްގެ ގޮތުގައެވެ.
ކައިވެނީގެ 3 ވަނަ މަހު ކުރީގެ ފިރިމީހާ ގުޅާފައި ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އޮފީހުގައި ބައްދަލުކުރީމެވެ. ދެމަފިރިން ތިބެގެންނެވެ. ބުނީ މަސައްކަތެއް ނުލިބި ގޮސް ބަނގުރޫޓުވެއްޖެ ކަމަށާއި ބަނގުރޫޓުވީމާ އަނބިމީހާވެސް ވަރިވެއްޖެކަމަށެވެ. މިހާރު އުޅެނީ ވަރަށް ނިކަމެތި ޙާލުގައި ކަމަށާއި ކުލިވެސް ނުދެއްކޭ ކަމަށެވެ. ވީމާ ކުރިންވެސް އެހީތެރިވިފަދައިން އެހީތެރިވެދިނުމަށް އެދޭކަމަށެވެ.
ޖަވާބުގައި ބުނީމެވެ. "ތިއަގޮތަށް ކަންކަން މެދުވެރިވީތީ ވަރަށް ހިތާމަކުރަމެވެ. ނަމަވެސް ކުރަންހުރި އަމިއްލަ މަސައްކަތް ގިނަކަމުން އެހެން މީހަކަށް އެއްވެސް ކަމެއް ކޮށްދެވެން ނެތް ކަމަށެވެ." އެހެން ބުނުމުން ވަރަށް ދެރަވެފައި މާޒީ ޢާއި ދެމީހުންގެ ލޯބީގެ ވާހަކަތައް ދައްކަން ފެށުމުން ބުނީމެވެ. "ތިއަ ކަންކަން ހަނދާންވީމާވެސް ވަރަށް ބޮޑަށް ފޫހިވެއެވެ. މިހާރުވެސް ހޮޑުލަވަންވެސް ފަށައިފިއެވެ. އަވަހަށް މިތަނުންދާށެވެ. މިހާރުވެސް މާގިނަ ވާހަކަ ދައްކައިފީމުއެވެ. ފިރިމީހާގެ ބޮލަށް ވަރަށް އުނދަގޫވާނެއެވެ." އެހެން ބުނެފައި ކުރިމަތީގައި ހުރި މޭޒުގައި އިން ފިރިމިހާ ދައްކައިލީމާ ވަރަށް ލަދުންހުރެ ނުކުމެގެން ދިއައީއެވެ.
އަޅުގަނޑު ވަކި އެއްޗެއް ބުނާކަށް ނެތީމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކަކޮޅަކަށް ވެއްޖެނަމަ އެނިމުނީއެވެ.
- ޝާޢިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް