މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ނާކޮޓިކްސް އޮޕަރޭޝަންސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 12.3 މިލިޔަން ރުފިޔާއެވެ. މި މައްސަލައާ ގުޅިގެން މެލޭޝިއާގެ 41 އަހަރާއި 42 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި ލަގެޖުން ފެނުނު ތަކެތި ޓެސްޓުކުރުމުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މި ތަކެތީގެ ޖުމުލަ ބަރުދަނަކީ 15.38 ކިލޯގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މިއީ ރާއްޖެއަށް ވައިގެ މަގުން އެއްފަހަރާ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ބޮޑު އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައެވެ. މި މައްސަލާގައި މިހާތަނަށް ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމަށް އަދި ތުހުމަތެއް ނުކުރެވެއެވެ.