އަތަމާ ޢަބްދުއްލަޠީފް ކަމަށް މަޝްހޫރު، ޢަބްދުއްލަޠީފް ޙުސައިން މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތަމާ ޢަބްދުއްލަޠީފަކީ ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާއި، މިސްކިތް ބިނާކުރެއްވުމާއި، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެރި އެތައް ކަމެއް ޤައުމަށް ކޮށްދެއްވާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަތަމާ ޢަބްދުއްލަޠީފަކީ ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާއި ޢަޒުމާއެކު ސާބިތުކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ޒަމާނާ ގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަތަމާ ޢަބްދުއްލަޠީފަކީ 1991 ވަނަ އަހަރު ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ގެއްލިގެން ދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ އަތަމާ ޢަބްދުއްލަޠީފްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި "މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލަހައްޓަވާށިއެވެ. އާމީން."
"ޤައުމަކަށް ކުޅަ ޚިދުމަތެއް،
މީހާގެ ނަން މަތިވެރިވެދާށި،
އައުކަމާ ތާޒާކަމާ،
ފެހިކަން ނަމަށް ދާއިމްވެދާށި."