ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އޮކްޓޯބަރުގައި އިއުލާންކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އޮކްޓޯބަރުގައި އިއުލާންކުރަނީ

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މުރާޖާކުރުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފްލެޓް ލިބުނު މީހުންގެ ލިސްޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. އެ ފްލެޓުތައް ލިބެނީ އެންމެ ޙައްގުވެރި މީހުންނަށްކަން ކަށަވަރު ކުރައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ލިސްޓު މުރާޖާ ކުރުމުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މުރާޖާ މަރުހަލާގައި ލިސްޓުގައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި ކަމަށާއި، އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އެފްޑީސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ.

މިއަދު އޮންލައިން