ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މީރާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 14 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން ވަނީ ހާމަވެފައެވެ.
މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާވެސް ހިމެނެއެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ.
އޮޑިޓް އޮފީހުން ވަނީ މި ފައިސާ ހޯދުމަށް ތަންފީޒީ ފިޔަވަޅުތައް ގަވާއިދުން އަޅަމުން ދިޔުމަށް މީރާއަށް އިރުޝާދު ދީފައެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށްވެސް ވަނީ އަންގާފައެވެ.
މީރާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ މައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބުމުގައި ހުރި ދަތިތަކާއި އެ ފައިސާ ހޯދުމަށް ދައުލަތް ނުކުޅެދިފައިވާކަމެވެ. މި މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މީރާއަށް އަންގާފައެވެ.