އަންނަ މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތް ފުރަތަމަ ފަށާނީ ރާއްޖޭގެ އުތުރުގައި ކަމަށެވެ. އަދި މި ސަރަޙައްދުން ދަތުރުކުރާ 300 އާއި 450 އާ ދެމެދުގެ އަދަދެއްގެ ކޮމާޝިއަލް ބޯޓުފަހަރަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ މަހު 20 ގައި އިންޓަނޭޝަނަލް ބަންކަރިންއަށް މިވަންނަނީ އުތުރުގައި. އިންޓަނޭޝަނަލް ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް އުތުރުން ދަތުރު އެބަކުރޭ ކޮމާޝިއަލް ބޯޓުފަހަރު. އަޅުގަނޑުމެންނަށް މީގެއިން އެންމެ ޕަސެންޓޭޖެއް ނުވަތަ 2 ޕަސެންޓޭޖް މަސައްކަތާއިއެއްކޮށް ލިބުނަސް މިކަމުގައި އެސްޓީއޯ ރާއްޖޭގެ ފަރާތުން މި ނެރެނީ. އެސްޓީއޯއާއި ޕާޓްނަރ މިކުރަނީ ވިޓޯލް." ވަޒީރު ވިދާޅުވިއެވެ.
މިކަމާގުޅިން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސްގެ ވިޔަފާރި ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އިހަވަންދިއްޕޮޅުގައި ޤާއިމުކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ ވިޓޯލްއާއެކު މާރިޗުމަހުގެ 13 ގައި ވަނީ ސޮއިކޮށްފައެވެ.