ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގައި ބެހެއްޓުމަކީ ކުށެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށާއި ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށެވެ.
މީގެ އިތުރުން، ޝަމްޢާން ވިދާޅުވީ އެފަދަ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ 50000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޙްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ތަޢާރަފްކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރައްޔިތުން ދަނީ ގިނަ އަދަދަކަށް މިފަދަ މައްސަލަތައް ރިޕޯޓުކުރަމުންނެވެ.
އިމިގްރޭޝަނުން ދަނީ ހުއްދަނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.