ކަންކަން ކުރިމަތިވާ ގޮތުން އެއްވެސް މީހަކާއި ދުރުހެލިވާންޖެހޭ ޙާލަތުގައި ދުރުހެލިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާއަށް ކިތަންމެ ނުބައިކޮށް ކަންކަންކުރާ މީހަކު ނަމަވެސް ބަލިޙާލުގައި ޖެހިއްޖެނަމަ ނިކަމެތިވާން ދޫކޮށްނުލާށެވެ! ﷲ އަށްޓަކައި އެމީހަކަށް ހެޔޮކޮށް ހިތާށެވެ! ފަހަރެއްގައި ދުނިޔޭގައިވެސް ބަދަލު ލިބިދާނެއެވެ. އަދި ދުނިޔޭގައި ބަދަލު ނުލިބިވެސް ހިނގައިދާނެއެވެ. ޔަޤީންކަމަކީ ޤިޔާމަތް ދުވަހު ބަދަލު ދެއްވަވާނެ ކަމެވެ.
ތިރީގައި އެވަނީ ނުބައިކަމުގައި ހައްދުފަހަނައަޅާފައި ހުރި މައިދައިތަ ބަލިވެ ޙާލުގައި ޖެހުނު ދުވަހު އަޅައިލުމުން ދުނިޔޭގައިވެސް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!
ކައިވެނިކޮށްގެން އަޅުގަނޑަށް ދިރިއުޅެން ޖެހުނީ ފިރިމީހާގެ ގޭގައެވެ. އެއީ އުޅެންޖެހުން ކަމަށް ބުނަން ޖެހިލުންވެއެވެ. އެންމެ ރަނގަޅު ބަހަކަށްވާނީ ތެޅެން ޖެހުން ކަމަށް ބުނުމެވެ. މައިދައިތަގެ 3 އަހެން ދަރިން ތިބެއެވެ. އެކުދިންނަށް އެއްވެސް މަސައްކަތެއް ނުޖައްސައެވެ. ހުރިހާ މަސައްކަތެއް ކުރުވަނީ އަޅުގަނޑު ލައްވައެވެ. ކުރަން ޙަވާލުކުރާ އެންމެ ކަމެއް ނުކުރެވުނަސް އެކަމުގެ ޝަކުވާ ފިރިމީހާއަށް ކުރެއެވެ.
ނަޞީބަކުން ކަންކަން ހިނގަމުން އަންނަ ގޮތް ފިރިމީހާއަށް އެނގެއެވެ. އެހެންވެ އަޅުގަނޑަށް ބުރަބަހެއް ނުބުނެއެވެ. ބުނާނީ ކޮށްދެވުނުކަމެއް ކޮށްދިނުމަށާއި ހަށިގަނޑަށް ބުރަވާވަރަށް ކަންކަން ނުކުރުމަށެވެ. އެގޭގައި އަޅުގަނޑަށް ކެތްކުރެވުނީ ފިރިމީހާގެ ކިބައިގައި ހުންނަ އެ ރަނގަޅު ސިފައިގެ ސަބަބުންނެވެ.
ކޮންމެއަކަސް ދުވަސްތައް މާޒީވަމުން ގޮސް އެންމެ ދެރަވާންޖެހުނީ ދަރިން ލިބެން ފެށުމުންނެވެ. އެހެން ދަރިންގެ ދަރިން އުރައިހަދާއިރު އަޅުގަނޑުގެ ދަރިއެއްގެ ގައިގައި ލޯބިން އެންމެކުޑަމިނުން ފިރުމައިވެސް ނުލާނެއެވެ. އެކަމަށްވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަމިއްލަ ދަރިން ބަލަން އަމިއްލައަށް މަސައްކަތްކުރީއެވެ.
އެފަދަ ޙާލުގައި އުޅޭތާ 12 އަހަރުފަހުން މައިދައިތައަށް ސްޓްރޯކެއްޖެހި އެނދުމަތިވެއްޖެއެވެ. ހިނގާ ކަންކަން ވިސްނެއެވެ. ވާހަކައެއް ނުދެއްކެއެވެ. އެއްވެސް ކަމެއް އަމިއްލައަކަށް ނުކުރެވެއެވެ.
އެކަންޖެހުނުތާ 10 ވަރަކަށް ދުވަސްވީއިރު މައިދައިތަގެ އެއްވެސް ދަރިއަކު އޭނާ އޮންނަ ކޮޓަރީގެ ދޮރުމައްޗަށްވެސް އަރައިނުލައެވެ. ތާހިރުކޮށެއްނުދެއެވެ. ކާންވެސް ނުދެއެވެ. ފެންވަރުވަންވެސް އަޅައެއް ނުލައެވެ. ހުރިހާ ކަމެއް ކުރަންޖެހުނީ އަޅުގަނޑުމެން ދެމަފިރިންނަށެވެ. ބުރަވެގެން ޝަކުވާއެއް ނުކުރަމެވެ. އަމިއްލަ މަންމަ ފަދައިން ޚިދުމަތްކޮށްދިނީމެވެ. އެންމެ ބޭނުމަކުއެވެ. ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. މައިދައިތައަށް އެކަނި ތެދުވެލައި، މަޑުމަޑުން ހިނގެންފެށީ 3 އަހަރު ޚިދުމަތްކުރިފަހުންނެވެ. ކަސްރަތަށް ބޭރަށް ނެރެހެދީވެސް އެކަންޏެވެ.
ކޮންމެއަކަސް މައިދައިތަ އެހާލަތުން ސަލާމަތްވެ އެކަނި އުޅެވޭވަރުވުމުން އެއްދުވަހު އަޅުގަނޑު ކޮޓަރިއަށް ވައްދާފައި ރޮމުން އެދުނީ މާފަށެވެ. ކުރިން ކަންކަން ކުރެވުނު ގޮތާއިމެދުގައެވެ. އަޅުގަނޑު ވަގުތުން މާފުކުރީމެވެ. ބުނީމެވެ. މާފަށް ނުއެދޭއިރުވެސް މިހުރީ މާފުކޮށްގެންނެވެ. މަންމައަށް ޚިދުމަތްކުރީ އެއްވެސް ހިތްބުރަކަމެއް ނެތިއެވެ. އަދި ތިއަ މަންމަގެ ކިބައިން އެއްވެސް ބަދަލަކަށް އެދިގެނެއް ނޫނެވެ. ހަމައެކަނި ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ އިހްމާލުން އެއްވެސް ކަމެއްވެފައިވާނަމަ އެކަމަކަށް މާފުކޮށްދިނުމަށެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހުން މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވުމުން ގޯތި ބަހަންވެގެން ރަޖިސްޓްރީ ހޯދިއިރު މަންމަ އޮތީ މަންމަ ބޭނުންވާ ގޮތަށް ގޯތި ބައިކޮށް ނިންމައިފައެވެ. ތިންބައަށެވެ. ހުރި ފިރިހެންދަރިއަކީ އަޅުގަނޑުގެ ފިރިމީހާ ކަމަށްވީމާ އޭނާއަށް ބައެކެވެ. މަންމަ ބަލިވުމުން ބެލީ އަޅުގަނޑު ވީމާ އަޅުގަނޑަށް ބައެކެވެ. ދެންތިބި 3 އަންހެންދަރިންނަށް އަނެއްބައެވެ.
އެހިސާބުން ބޮޑު ފިތުނައެއް އުފެދި އަޅުގަނޑަށް ދީފައި އޮތްބައި ކޮއްކޮމެންނަށް ދޫކޮށްލަން ފިރިމީހާ އެދުނެވެ. ނަމަވެސް އެކަމަށް ދެކޮޅުހެދީމެވެ. ބުނީމެވެ. "އެއީ ﷲ އަށްޓަކައި އަޅުގަނޑުކުރި ބުރަ މަސައްކަތަށް ދުނިޔެއިން ﷲ ދެއްވެވި ބައެވެ. އެންމެ އިންޗިއެއްވެސް ދުލެއް ނުކުރާނަމެވެ. ކޮއްކޮމެންގެ ހިތްއުފާކޮށްދޭން އަޅުގަނޑު ވަރިކުރިނަމަވެސް މިނިންމުން ބަދަލެއް ނުކުރާނަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ގެއިން ބައެއް ލިބުމުން އުފާކޮށް ޝުކުރުކުރަމެވެ. ނަމަވެސް އެފަދަ ބޮޑު އަނިޔާއެއްގައި އުޅެންޖެހުމުން ހިތަށްކުރާ އަސަރު އެނގޭނީ ހަމައެކަނި އެފަދަ ކަމެއް ކުރިމަތިވީމައެވެ. ވީމާ ހެޔޮނުވާނެއެވެ. ގެއަށް ގެންދެވޭ ދަރިންވުމުން އަޅުންނަށް ހެދުމުގެ ނުބައި ޘަޤާފަތު ދޫކޮށްލާށެވެ! އެއީ މުސްލިމުންނަށް ހުއްދަ ގޮތެއްވެސް ނޫނެވެ.
- ޢާބިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް