އިންސާނީ ވަގުފާރީގެ މައްސަލަތަކުގެ ޝަރީޢަތްތައް ލަސްވުމަކީ އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް ލިބޭ ބޭއިންސާފެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ޝަރީޢަތްތައް ލަސްވުމުގެ ސަބަބުން މައްސަލަތައް ސާބިތުވާ މިންވަރު ދަށްވެ، އޭގެ ޝިކާރައަކަށްވާ މީހުން އިތުރަށް އިންސާނީ ވަގުފާރިއަށް ހުށަހެޅިދާނެކަމުގެ ބިރު އޮތްކަމަށެވެ.
"އިންސާނީ ވަގުފާރިކުރާ މީހުން އެކި މީހުންގެ ހައްޤުތަކަށް އަރައިގަނެ ފަރުދުންގެ ކަރާމަތާއި މިނިވަންކަން ގެއްލުވާލާ. މިއީ ޒަމާނީ އަޅުވެތިކަމުގެ ވައްތަރެއް. މި ކުށް ހިންގާ ފަރާތްތައް، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބިރު ދައްކާ ހާލަތު ރަނގަޅުވާނެކަމަށް ވިސްނައިދީ ގަދަކަމުން މަސައްކަތްކުރުވައި، އެމީހުންނަށް ޖިންސީ ގޯނާކުރޭ." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންސާނީ ވަގުފާރީގެ ކުށް ރިޕޯޓުކުރެވޭނެ ޚާއްސަ ފޯން ލައިނެއް ވަނީ އިފްތިތާޙްކޮށްފައެވެ. މި ފޯން ލައިންގެ ނަންބަރަކީ 9193939 އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ކޮންމެ 3 މީހެއްގެ ތެރެއިން އެކަކަކީ ކުޑަކުއްޖެކެވެ. މިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.