ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް 1.2 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައިވަނީ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) މަޝްރޫޢުއަށެވެ.
މި ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.

މި މަޝްރޫޢުގެ ދަށުން ދިވެހިންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީ ހެދުމަށް 6 ސްކޮލަރޝިޕް ފުރުޞަތު ލިބިގެންދާނެއެވެ.
މި ހަދިޔާއަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު އެހީތެރިކަމެކެވެ. އަދި މި ފުރުޞަތުތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ ފެންވަރު މަތި ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.