ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސިންގަޕޫރުގެ ރައީސާއި ސަފީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ސަފީރު ލުވޭޒު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވަނީ މިއަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހުއެވެ.
މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ޚަދީޖާ މުފްލިޙާ ގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.