ތިރީގައި އެވަނީ މަންމައަށްޓަކާ އެތައް އަހަރެއްވަންދެން ޤުރްބާންވި ދަރިއަކަށްޓަކާ މަންމަކޮށްދިން ދުޢާއިން ބައިވެރިއަކަށް ތަނަވަސް މީހަކު މަގުމަތިން ލިބުނު ގޮތުގެ ވާހަކައެވެ. ފަޤީރުޙާލުގަ މަގުމަތީގައި އުޅެންޖެހުމުންވެސް ﷲ އަށް ބިރުވެތިވެ ގައިގަ އަތްލިއަނުދިން އަންހެނަކަށް އިންތިހާއަށް ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކައެވެ.
ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް މާތް ﷲ އަށް ބިރުވެތިވާނަމަ އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީވެސް އުފާވެރި ދިރިއުޅުމެއް ދެއްވަވާ ކަމެކެވެ. އިން ޝާ ﷲ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
ފެންނަ ފެނުމުގައި އޭނާއަކީ މަގުމަތީގައި ދިރިއުޅޭ ފަޤީރެކެވެ. އޭނާ އާއި މަގުމަތިން ބައްދަލުވި އަންހެން ކުއްޖަކާއި ވާހަކަ ދައްކައިލުމުން އެނގުނީ އޭނާއަކީވެސް މަގުމަތީގައި ދިރިއުޅޭ އަންހެނެއްކަމެވެ.
ފިރިހެން މީހާ ބުނީ އޭނާގެ އުމުރުގައިވެސް ލޯބިވީ އެންމެ އަންހެނަކު ދެކެކަމަށާއި ނަމަވެސް އޭނާވީ ޚިޔާނާތްތެރިއަކަށް ކަމަށެވެ. އެހެންވެ ގެތަޅުލާފައި ގެއިން ނުކުމެ މަގުމަތީގައި މިއުޅެނީ އޭނާދެކެ ލޯބިވާނެ އަންހެނަކު ހޯދަން ކަމަށެވެ. ގޭގެ ދޮރުހުޅުވައި ގެއަށް ވަންނަން ބޭނުންވަނީ ލޯބިވާ އަންތބަކު ގޮވައިގެން ކަމަށެވެ.
އަންހެން މީހާ ބުނީ އޭނާވެސް ލޯބިވީ އެންމެ ފިރިހެނަކު ދެކެ ކަމަށާއި އެމިހާ އާއި ކައިވެނިކޮށް ދަރިއަކު ލިބުމުން ދަރިފުޅުވެސް އަތުލާފައި ވަރިކޮށް ގެއިން ބޭރުކޮށްލުމުން މަގުމަތީގައި އުޅެނީ ކަމަށެވެ. އެހެންވެ އެއްވެސް ފިރިހެނަކަށް އިތުބާރުނުކުރާ ކަމަށެވެ.
ފިރިހެން މީހާ އަންހެންމީހާގެ އަތުގައި ހިފާލަން އުޅުމުން ބުންޏެވެ. "ގައިގަ އަތްނުލާށެވެ. އެހީތެރިވެދޭނެ އެކުވެރިންކަމަށް ހެދިގެން އަތުގައި ހިފާލި ކޮންމެ ފިރިހެނެއްގެ ކިބައިންވެސް ލިބިފައިވަނީ ބޮޑެތި އަނިޔާތަކެވެ. ކުރިމަތިލާންޖެހިފައިވަނީ ޢިއްފަތްތެރިކަމަށް އަރައިގަތުމުގެ ޢަމަލުތަކެވެ. ދެން އެފުރުޞަތު ހަމަ އެކަކަށްވެސް ނުދޭނަމެވެ. ނުކައި ބަނޑަށް ހުންނަން ޖެހުނަސް މައްސަލައެއް ނެތެވެ."
މިވާހަކަތައްވީ ފިރިހެންމީހާއަށް ވަރަށް ކަމުދިއަ ވާހަކަތަކަށެވެ. ދެމީހުން މަގުމަތިން ބައްދަލުވެ ގުޅުން އުފެދެމުން ގޮސް ލޯތަބަށް ބަދަލުވެ ދެމީހުން ކައިވެނިކުރިއެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. ކައިވެނިކޮށްގެން ނުކުތްއިރު ދެމީހުންގެ އިސްތިޤްބާލުގައި މާފަތިދަމާފައިވާ އެންމެ އަގުބޮޑު 2 ކާރު އޮތުމުން އަންހެންމީހާ ދިއައީ ސިއްސައިގެންނެވެ. ހީކުރީ ކައިވެނިކުރަން އައި ބައަކު ގޮވައިގެން އައިސް އޮތް 2 ކާރު ކަމަށެވެ.
ދެމީހުން އެކުގައި ހިނގާފައި ކާރުކައިރިއަށް ގޮސް ބަލައިލިއިރު ދެކާރުގެ ކުރީ ބޮނެޓްމަތީގައި ދެމީހުންގެ ނަން ލިޔެފައި އޮތުމުން އިތުރަށް ޙައިރާންވިއެވެ. އިނީ ޔުނިފޯމް އެޅި ޑްރައިވަރެކެވެ. ކާރުގެ ދޮރު ހުޅުވައިދޭނެ މީހުން ތިއްބެއެވެ. ކުރިއަށް އޮތް ކާރަކީ އެމީހުންގެ ކާރެވެ. ދެމަފިރިންނަށް ޚާއްޞަ ކާރު އޮތީ ފަހަތުގައެވެ.
ކާރަށް އެރުމުން ގަޑިއެއްހާއިއރު ދުއްވާފައިގޮސް ވަނީ ރަސްކަލެއްގެ ގަނޑުވަރެއް ފަދަ ބޮޑު ގެއަކަށެވެ. ގޭތެރެވެސް ހަމަ ގަނޑުވަރެއްހައި ފުރިހަމައެވެ. އަނބިމީހާގެ އަތުގައި ހިފައިގެން މަތީބުރީގައި ހުރި ކޮޓަރިއަކަށް ދިއައިރު އެއީވެސް ހަމަ އެންމެ ފުރިހަމައަށް ބޮޑު ސިޓިންރޫމަކާއިވެސް އެކުގައި ތައްޔާރުކޮށްފައިވާ ބޮޑު ކޮޓަރިއެކެވެ.
ކޮޓަރިއަށް ވަދެ ފުރަތަމަ ފަހަރަށް ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ލޯބިކުރިއެވެ. އިރުކޮޅެއްފަހުން ފރިމީހާ ކިޔައިދޭން ފެށިއެވެ. "އަހަރެން މަގުމައްޗަށް ނުކުތް ސަބަބާއި ކަންކަން މެދުވެރިވި ގޮތް ކުރިންވެސް އެބުނީއެވެ. ނުބުނީ އެންމެ ވާހަކައެކެވެ. އެއީ އަހަރެންނަކީ މިލިއަނަރެއް ކަމެވެ. އަހަރެންނަކީ ބިލިއަނަރަކަށްވުމުގެ މަގުމަތީގައި ހުރި މިލިއަނަރެކެވެ.
އަނބިމީހާ ބުންޏެވެ. "އަހަރެމެންނަކީ ވަރަށް ފަޤީރު ބައެކެވެ. އަހަރެން އަހަރެންގެ މަންމައަށް ވަރަށް ބޮޑަށް ޚިދުމަތްކުރީމެވެ. ވަރަށް ބުރަ އުފުލީމެވެ. 12 އަހަރު ތަންމަތީގައި ބާއްވައިގެން ބެލީމެވެ. އެއިރު މަންމަ ބުނެއެވެ. "އިރާދަފުޅު ކުރެއްވިއްޔާ ދަރިފުޅުގެ ޙަޔާތަށް ތަނަވަސް ދަރިފުޅު ދެކެ ލޯބިވާ ބައިވެރިއަކު ދެއްވަވާނެއެވެ. ނަމަނަމަ ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ޢިއްފަތްތެރިކަން ދޫކޮށްނުލާށެވެ. ﷲ އަށް ބިރުވެތިވާށެވެ! މަންމަ އަބަދު މިދުޢާކުރަނީ އެކަމަށެވެ.
އެހެންވެ ފިރިމީހާ ވަރިކޮށްލުމުން އޭނާއަކީ އަދި މަންމަ އެބުނި ރަނގަޅު، އަހަރެން ދެކެ ލޯބިވާ ފިރިމީހާ ނޫންކަން ޤަބޫލުކުރެވުނެވެ. އެހައިބޮޑަށް ދެރަނުވީ އެހެންވެގެންނެވެ. ވީމާ އަހަރެން އުންމީދުކުރަނީ ތިބާއަކީ މަންމަ އެބުނި ފިރިމީހާ ކަމަށްވާނެ ކަމަށެވެ! ދުޢާއަކީ އެހެންކަމަށް މިންވަރުކުރެއްވެވުމެވެ!"
- ނަފީސާ ބޭގަމް / ލާހޯރު ، ޕާކިސްތާން