މީހެއްގެ ކިބައިން ފެންނާނެ އެންމެ ރަނގަޅު 2 ސިފައަކީ ތަޤްވާވެރިކަމާއި ތެދުވެރިކަމެވެ. ތެދުވެރިވުމުގެ ބާރަކަށްވަނީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިއަކު ޚިޔާނާތްތެރިއެއް ނުވާނެއެވެ. އެމީހަކާއި ޙަވާލުކުރެވޭ ފައިސާއަށްވެސް އަދި އަމިއްލަ ދިރިއުޅުމުގައިވެސް ޚިޔާނާތްތެރިއެއް ނުވާނެއެވެ. އެއީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ.
ތިރީގައި އެވަނީ ދަތިޙާލުގައި ހުރެވެސް ފައިށާއަށް ތެދުވެރިވި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.
އަޅުގަނޑު މަސައްކަތްކުރާ އޮފީހުގައި އަޅުގަނޑާއި އެއް ނަން ކިޔާ އިތުރު އަންހެން ކުއްޖަކުވެސް އުޅުނެވެ. އެހެންވެ ބައެއް ފަހަރު ކުދިކުދި އޮޅުންތައްވެސް އަރައެވެ. އޮފީހުގެ ވެރިއަކީ 30 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ތަނަވަސްކަން ލިބިފައިވަނީ މައިންބަފައިންގެ ފަރާތުންނެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އޭނާއަކީ ވަރަށް ހިތްތިރި އަޚްލާޤް ރަނގަޅު މީހެކެވެ.
އޮފީހުގައި އެކި އުމުރުގެ 12 ވަރަކަށް އަންހެންކުދިން މަސައްކަތްކުރެއެވެ. އެހެންކަމާއިއެކުވެސް ދުވަހަކުވެސް އެންމެ ކުޑަމިނުން ސަމާސައަށް ނަމަވެސް އެއްވެސް ކުއްޖަކާއި ދިމާއަށް ހުތުރު ބަހެއްވެސް ނުބުނާނެއެވެ. އެކަމަކު ހުރިހާ ކުދިންނާއިވެސް ހީނ ސަމާސާކުރާނެއެވެ. އެހެންކަމުން ތެދަށްބުނާނަމަ ހުރިހާ ކުދިންވެސް ތިބެނީ ވެރިމީހާ އަތުއަޅުލައިވޭނެ ފުރުޞަތަކަށް ބަލަބަލައެވެ.
އެއްދުވަހަކު އަޅުގަނޑުގެ އެކައުންޓަށް ވަރަށް ބައިވަރު ފައިސާ މީހަކު ޓްރާންސްފަރކުރިއެވެ. އަޅުގަނޑަށް އެއްވެސް މީހަކު ފައިސާ ޓްރާންސްފަރުކުރަންޖެހެންވީ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް މީހެއްގެ ގާތުގައި އެއްވެސް އެހީއަކަށް އެދުނު މީހެއްވެސް ނޫނެވެ.
އަޅުގަނޑު ހީކުރީ ޓްރާންސްފަރ ކުރިމީހާއަށް އެކަންކުރެވުނީ އޮޅުމަކުންކަން އެނގުމުން ބޭންކު މެދުވެރިކޮށް ނަމަވެސް އަޅުގަނޑަށް ގުޅާނެ ކަމަށެވެ. އެހެން ހީކޮށް މަޑުކޮށްލައިގެން ހުއްޓާ 10 ދުވަސްވުމުން އަމިއްލައަށް ބޭންކަށް ގުޅައިގެން އޭނާގެ މައުލޫމާތު އޮޅުންފިލުވިއިރު އެއީ ވެރިމީހާ އާއި ބައްދަލުކުރަން ދޭތެރެދޭތެރެއިން އަންނަ ވެރިމީހާގެ އެކުވެރިއެކެވެ. އަޅުގަނޑު ފެނުމުންވެސް ހިނިތުންވެލާނެއެވެ. ނަމަވެސް ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ.
އެހެންވެ ވެރިމީހާ ގާތު އެވާހަކަބުނީމެވެ. 10 ދުވަސްވީއިރުވެސް އޭނާ އަޅައިވެސް ނުލާ އެހުންނަނީ ކީއްވެގެންކަމާއިމެދު ސުވާލުކުރީމެވެ. އެކަމުގައި ޢަމަލުކުރަންވީ ގޮތެއް އޭނާގެ ގާތުން އޮޅުންފިލުވައިދިނުމަށް އެދުނީމެވެ. އަނބުރާ އޭނާގެ އެކައުންޓަށް ޖަމާކުރުމުގެ ހުއްދަ ހޯދައިދިނުމަށްވެސް އެދުނީމެވެ.
ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ވެރިމީހާ ބުނީ އޭނާ ގޮވައިގެން އެރޭ އަޅުގަނޑުމެންގެ ގެއަށް ދާނެ ކަމަށާއި އެއިރުން ކަންކަން އޮޅުންފިލުވަން މާފަސޭހަވާނެ ކަމަށެވެ. އެހެން ބުނުމުން އަޅުގަނޑުމެންގެ ޢާއިލާއަކީ ވަރަށް ފަޤީރު ޢާއިލާއެއް ކަމާއި 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި ގިނަ ބައަކު އުޅޭތީ ގޭތެރޭގައި ވެރިމީހާ ފެންވަރުގެ މީހުންނަށް އިށީނދެލެވެންވެސް ނުހުންނާނެ ކަމަށް ބުނީމެވެ. ވެރިމީހާ ބޭނުންވީ އެހެންކަމާއިއެކުގައިވެސް ގެއަށްދާންކަމަށްވުމުން ދެކޮޅު ނުހަދައި އެކަމަށް އެއްބަސްވީމެވެ.
އެރޭ ވެރިމީހާ ދިއައެވެ. އެކުވެރިޔާ އާއި އަޅުގަނޑާއި އަޅުގަނޑުގެ މަންމަ އާއި ބައްޕަ އާއިއެކުގައި ވާހަކަދައްކަމުން ވެރިމީހާ ކިޔައިދިނެވެ. "މުވައްޒިފުން އިމްތިޙާންކުރުމުގެ ގޮތުން އެކި މުވައްޒިފުންގެ އެކައުންޓަށް އެކިފަހަރުމަތިން އެކި އަދަދުތަކުން ފައިސާ ޖަމާކޮށްފީމެވެ. ނަމަވެސް މިއީ އެހައި ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ޖަމާކުރުމުން އެކުދިން ވަނީ އަވަސް އަވަހަށް ފައިސާކޮޅު ނަގައި ބޭނުންކޮށްފައެވެ. ޒުލްފާ ނޫނީ އެކަމާއި ކަންބޮޑުވި މުވައްޒިފަކު ނެތެވެ. ޒުލްފާ ތިއައުޅެނީ އެކަމާއި ކަންބޮޑުވެގެންނެވެ. މިހައި ދަތިކޮށް އުޅޭއިރުވެސް އެއިން އެންމެ ރުފިޔާއެއްވެސް ނުނަގައެވެ.
ވީމާ އަހަރެންގެ އިމްތިޙާނުން ޒުލްފާ ފާސްވެއްޖެއެވެ. ފައިސާޢަށް ތެދުވެރިނުވާ މީހަކަށް ދިރިއުޅުމުގައި ތެދުވެރިއެއް ނުވެވޭނެއެވެ. ފައިސާއަށް ދަހިވެތިކަން ބޮޑުނަމަ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެއެވެ. ވީމާ ޒުލްފާގެ ފެންވަރަކަށްވެސް ބޭރުފުށުގެ ސިފައަކަށްވެސް ބަލާކަށް ބޭނުމެއް ނޫނެވެ. މިހެން މިބުނީ އެއްގޮތަކަށްވެސް ޒުލްފާ ހުތުރުވެގެނެއް ނޫނެވެ. އިތުރު އެއްވެސް ކަމަކަށް ބަލަން ބޭނުން ނޫން ވާހަކަ ބުނަންވެގެންނެވެ.
އޮފީހުގައި މިވާހަކަ ނުދައްކައި މިގެއަށް މިއައީ ޒުލްފާގެ އިތުރުން ޒުލްފާގެ މައިންބަފައިންނާއި ބައްދަލުކުރާށެވެ. އަހަރެން ބޭނުންވަނީ ޒުލްފާ އާއި މައިންބަފައިން ރުހޭނަމަ ޒުލްފާ އާއި ކައިވެނިކުރާށެވެ."
ބައްޕަ އާއި މަންމަ ހިނިތުންވެ ތިބެ އަޅުގަނޑަށް ނިތް އެއްލުމުން ވަރަށް ލަދުވެސް ގަތެވެ. އެހެންވެ މޫނުގައި ދެއަތް އަޅައިގެން އިނދެ ބުނީމެވެ. "ބޮސް ބޭނުން ގޮތެކެވެ. އެކަމަކު ފުރަތަމަ ކައިވެންޏެވެ. އެހެން ނޫނީ މަންމަ ވަރަށް ދެރަވާނެއެވެ. އުނދޯލި ކިތަންމެ ރީތިނަމަވެސް ޅޮސް އުނދޯލި ނުހެއްލަން އަބަދުވެސް މަންމަ ބުނެއެވެ. ދުވަހަކުވެސް މަންމަވެސް ބައްޕަވެސް ދެރަވާނެ ކަމެއް ނުކުރަމެވެ. އިރާދަ ކުރެއްވިއްޔާ ނުވެސްކުރާނަމެވެ."
މިހިސާބުން ކުރުކޮށްލާނަމެވެ. 3 ވަނައަށް އޮތް ދުވަހުގެ ރޭ ކއިވެނިކުރެބިއްޖެއެވެ. އެކައިވެނިމަތީގައި މިހާރު 10 އަހަރުވީއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ހަމަ އެންމެ އަގުބޮޑު ޖަވާހިރެކެވެ. މިހައިތަނަށް ދުވަހަކުވެސް އެންމެ ކުޑަމިނުން ކުނިމޫނުވެސް ނުދައްކައެވެ. ބާރަށް ބަހެއްވެސް ނުބުނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާ މިކުރީ އަޅުގަނޑަށް ލިބުނު ނީޢްމަތަށް ފަޚުރުވެރިވާކަށް ނޫނެވެ. ތެދުވެރިވުމުން އަޅުގަނޑަށްކުރި ފައިދާ ހާމަކުރާށެވެ. މިވާހަކަ ކިޔައިދޭން އެންމެ ބޮޑަށް ބޭނުންވީ މިއަހަރުގެ މިހައިތަނަށްވެސް ޚިޔާނާތުގެ މައްސަލަތަކުގައި 2 އަންހެން މުވައްޒިފުންނާއި ފިރިހެން މުވައްޒިފަކު ވަޒީފާއިން ވަކިކުރަންޖެހިފައިވާތީއެވެ. ތަންކޮޅެއް ކުރިން ޚިޔާނާތްތެރިވާ އަންހެނުން މަދުނަމަވެސް ވަޒީފާގައި ޚިޔާނާތްތެރިވާ އަންހެނުން މިހާރު މަދުކަމަށް ބުނެވޭކަށް އަޅުގަނޑަކަށް ނެތެވެ. ހަމަ ހަމަހަމައެވެ. ވީމާ ބޭނުންވީ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާށެވެ.
މަކަރުހެދުމުން އެވަގުތު ލިބޭ އެއްޗެއް ލިބިދާނެއެވެ. މަކަރު ނުހަދާނަމަ ލިބޭނެ ފައިދާ މާބޮޑުވާނެއެވެ. ވަޒީފާ ނުގެއްލޭނެތީއެވެ. ޕްރަމޯޝަންތައް ލިބި މުސާރަވެސް ބޮޑުވަމުންދާނެތީއެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް