ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތައް ތަރައްޤީކުރުމާ ބެހޭގޮތުން މިނިސްޓަރ މާރިޔާ އާއި ލިއޯ ޓްރޭޑިންގ ގެ އެމްޑީ މަޝްވަރާ ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތައް ތަރައްޤީކުރުމާ ބެހޭގޮތުން މިނިސްޓަރ މާރިޔާ އާއި ލިއޯ ޓްރޭޑިންގ ގެ އެމްޑީ މަޝްވަރާ ކުރައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ކުރިއެރުވުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ލިއޯ ޓްރޭޑިންގ ގެ ވެރިޔާ އަބްދުﷲ ސަވާދާއެކު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ލިއޯ ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ވަނީ ހަޔާ އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވިސް ނެޝަނަލް ސްކިލް ޑިވެލޮމްމަންޓް އޮތޯރިޓީ (އެމް. އެން.އެސް.ޑީ.އޭ) އަދި މޯލްޑިވިސް ޕޮލިޓެކްނިކް އާއި ގުޅިގެން ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މޯލްޑިވިސް ޕޮލިޓެކްނިކް ގައި 30 ޖުލައިގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސަވާދާއެކު ބައްދަލުކުރައްވާ މުޖުތަމަޢުގެ ތެރޭގައި ހުނަރު ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތައް ތަރައްޤީކުރުމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރުވަނީ މުޖުތަމަޢުގެ ތެރޭގައި ހުނަރު ތަރައްޤީކުރުމަށް އަމާޒު ހިފައިގެން ކުރެވޭ ތަމްރީނުތަކުގެ ޒަރީޢާއިން މަސައްކަތްތެރިންނަށް ބާރުވެރިކަން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުމުގައި ލިއޯ ޓްރޭޑިންގް ގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރ ސަވާދު ވަނީ މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ޕޮލިޓެކްނިކާ އެކު މަސައްކަތްކުރުމަށް ލިއޯ ޓްރޭޑިންގއިން ޝައުޤުވެރިކަން ހުރިކަން ފާޅުކުރައްވާފައެވެ.

މުޖުތަމަޢުގައި ހުރި ހުނަރުތައް ތަރައްޤީކުރުމަށް ހުރި ހިރާސްތައް ނައްތާލުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން މުހިންމުކަން މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ އެޕްރެންޓިސްޝިޕްތަކާއި، މަސައްކަތުގެ މާހައުލުގައި ދެވޭ ތަމްރީނުތަކާއި، އިންޑަސްޓްރީގެ ބޭނުންތަކާ ގުޅޭގޮތަށް ފަރުމާކުރެވޭ ސެޓްފިކެޓް ކޯސްތައް ފަދަ އޮނިގަނޑުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ލިއޯޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަކީ 2002 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ، ދިވެހިރާއްޖޭގައި އޮތް އަމިއްލަ އެންމެ ބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ. ސައްތައިން ސައްތަ ދިވެހި އެންމެ ބޮޑު ފްލީޓް އޮތް މި ކުންފުޏަކީ އެތަށް ސީ.އެސް.އާރް ޕްރޮޤްރާމްތަކެއް ހިންގާފައިވާ އަދި ހިންގަމުންދާ ކުންފުންޏެކެވެ. އޭގެ އިތުރުން ލިއޯއިން އަންނަނީ ސްކޮލަރޝިޕް ފުރުސަތުތަށް ދިނުމުން ފެށިގެން ޢުމްރާދަތުރުތަކާއި، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް އެތަށް ޙިދުމަތްތަކެއް ކޮއްދެއްވަމުންނެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖެގެ މަސައްކަތްތެރިކަމުގެ މައިދާނުގައި ހުނަރުވެރި ދިވެހިން އުފެއްދުން ކަމުގައިވީ ހިނދު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން އަންނަނީ މިފަދަ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރައްވާ ފުރުސަތުތައް ފަހި ކުރައްވަމުންނެވެ. އެހެންކަމުން ރާއްޖެގެ އަމިއްލަ ކޮންމެ ކުންފުންޏަކަށްވެސް މި ވުޒާރާ އާއި ގުޅިގެން ހުނަރުވެރި ޒުވާނުން، މަސައްކަތްތެރިން އުފެއްދުމަށް ފުރުސަތު އެބައޮތެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ރައްޖެއަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް ޤައުމީ ސަނަދުގެ ކޯސްތަކާއި ޕްރޮގްރާމުތައް ހިންގަން ފަށާފައިވާއިރު ރާއްޖޭގެ ކޮންމެ ރަށެއްގެ ކައުންސިލް، އ.ތ.މ ކޮމެޓީ ގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކުން، ޕޮލިޓެކްނިކް އާއި ގުޅިގެން އެ ރަށްރަށުގައި ކޯސްތައް ހިންގުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލެވިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން