އޭ-ލެވެލް ދަރިވަރުންނަށް ކޭޑީޔޫގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އޭ-ލެވެލް ދަރިވަރުންނަށް ކޭޑީޔޫގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ސްރީލަންކާގެ ކޮޓަލަވާލާ ޑިފެންސް ޔުނިވަރސިޓީ (ކޭޑީޔޫ) ގެ ވައިސް ޗާންސެލަރ ރިއަރ އެޑްމިރަލް އެޗްޖީޔޫ ދައްމިކާ ކުމާރާއާ ބައްދަލުކުރައްވައި، ދިވެހި އޭ-ލެވެލް ދަރިވަރުންނަށް ކޭޑީޔޫގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، ތަޢުލީމީ ދާއިރާއިން ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން މަޝްވަރާކުރެވުނެވެ. އޭގެ އިތުރުން، ޞިއްޙީ، އިންޖިނިއަރިންގ، އޭވިއޭޝަން އަދި މެނޭޖްމަންޓް ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގައި ކޭޑީޔޫއިން ވެދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުން އިތުރުކުރުމެވެ. އެގޮތުން، ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލެވިފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން، ދިވެހިންނަށް މަތީ ތަޢުލީމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް، ރާއްޖޭގެ ޔުނިވަރސިޓީތަކުގެ އިތުރުން ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރައްވައި، އެ ތަންތަނުން ކިޔެވުމުގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ. މި ބައްދަލުވުމަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު އެއް މަސައްކަތެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން