މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ 4000 ފްލެޓްގެ ތެރެއިން 100 ފްލެޓް ދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.
މިކަމާގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ، މި މަހުގެ 30 ވަނަ ދުވަހު ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު ބޭއްވުނު ބައްދަލުވުމެއްގައި، ކުރީގެ ސަރުކާރުން ނިންމާފައިވާ ގޮތަށް 100 ފްލެޓް ކަސްޓަމްސްއަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.
މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓެވެ. މި ނިންމުމަކީ ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، އެ އިދާރާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމާއި، މުވައްޒަފުންގެ ވެލްފެއަރއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށެވެ. އަދި މި 100 ފްލެޓް ހޯދުމުގެ އިތުރުން، ކަސްޓަމްސްގެ މުވައްޒަފުންނަށް އިތުރު ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.