ޢިބްރަތްތެރި ވާހަކަ: ލޯބިވެގެންއުޅުމާ ކައިވެނިކުރުން ދީނުގަ އޮތްމަގުން ކުރިއަށް ގެންދަން ބޭނުންވާތީ ތަނަވަސް މީހުންނަށް ނުވިކުނު އަންހެނަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެގެންއުޅުމާ ކައިވެނިކުރުން ދީނުގަ އޮތްމަގުން ކުރިއަށް ގެންދަން ބޭނުންވާތީ ތަނަވަސް މީހުންނަށް ނުވިކުނު އަންހެނަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

ތަނަވަސްކަން ގުޅިފައިވަނީ އަތުގައި ހުންނަ ގިނަ ޢަދަދެއްގެ ފައިސާތަކަކާއެއް ނޫނެވެ. އިންސާނާގެ ހިތާއިއެވެ. އެގުޅުން އުފެއްދޭނީ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމުންނެވެ.

ތިރީގައިވާ ވާހަކައަކީ ޒުވާން ނަމަވެސް އޭނާގެ ހިތް ﷲ ތަޢާލާ ޢާއި ގުޅުވައިލި، ރީތި އެހަނަސް ފަޤީރު އަންހެނަކު އެގޮތުގައި ޘާބިތުވުމުން ލިބުނު ބޮޑު ކާމިޔާބީގެ ވާހަކައެވެ. ބިދާޅުވެލައްވާށެވެ! 

އޭނާއަކީ ވަރަށް ފަޤީރު ޢާއިލާއެއްގެ އަންހެންކުއްޖެކެވެ. ނަމަވެސް ވަރަށް ރިތިކުއްޖެކެވެ. އެހެންވެ ގިނަ ބައަކު އޭނާއާއި ކައިވެނިކުރަން ހުށަހަޅައެވެ. ކައިވެންޏާއި ހަމައަށް ނުދެވެނީސް ހުއްޓުން އަރަނީ ކައިވެނިކޮށްގެން ކުރަން ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ކުރަން އޭނާ ދެކޮޅުހަދާތީއެވެ. 

އޭނާ އާއި ގުޅެން ބޭނުންވި ތަނަވަސް ޒުވާނަކު ކެއުމަކަށް ދަޢުވަތުދިނުމުން އޭނާބުނީ އެކަނި ނުދާނެ ކަމަށެވެ. ކައިވެނީގެކުރިން އެކަހެރި ބައްދަލުވުންތައް ބޭއްވުމަކީ ދީނުގައި ހުއްދަކަމެއް ނޫން ކަމަށެވެ. އަނެކާގެ ޖަވާބަކަށްވީ "ކަލޭމެންގެ ކިބައިގަ އެއްވެސް ތަހްޒީބުކަމެއް ނެތުމުން އަދިވެސް ތިބީ މީގެ 2000 އަހަރު ފަހަތުގައެވެ. މިއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނެއް ނޫނެވެ. 21 ވަނަ ޤަރުނެވެ." 

އެހެން ބުނުމުން އޭނާގެ ޖަވާބަކަށްވީ ވަކި ޤަރުނެއްގައި ވަކި ގޮތަކަށް އުޅެން ދީން ހުއްދަ ނުކުރާ ކަމަށެވެ. އެހެންކަމުން 21 ވަނަ ޤަރުނުގައިވެސް އުޅެން އޭނާ ބޭނުންވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މީހުން އުޅުނު ގޮތަށް ކަމަށެވެ. ތަރައްޤީ އާއިއެކު ދިރިއުޅުމުގެ ކަންކަން ތަހްޒީބުކުރެވިދާނެ ކަމަށާއި ނަމަވެސް ދީނުގައި ހުއްދަ ކަންކަމާއި ހުއްދަނޫން ކަންކަން އޮންނާނީ ހަމައެއްގޮތަކަށް ކަމަށެވެ. 

ދުވަސްކޮޅެއްފަހުން ގުޅާފައި ބުނީ ދެމީހުން ކައިވެނިކޮށްގެން ދިރިއުޅޭނެ ބޮޑު ގެއެއް ގަނެފި ކަމަށާއި ގެބަލާލައި ވައްދަންވީ ފަރުނީޗަރު ބުނެލަން އައުމަށެވެ. އޭނާގެ ޖަވާބަކަށްވީ ހަމަ އެއް ޖަވާބެކެވެ. އެކަނި ނުދާނެ ކަމަށެވެ. އަދި ދިރިއުޅެން އެހައި ފުރިހަމަ ބޮޑު ގެއެއް ބޭނުން ނުވާކަމަށާއި ބޭނުންވަނީ ތެދުވެރި ، އޯގާތެރި، ބޮޑުހިތެއް ކަމަށެވެ. 

އެހިސާބުން ދެމީހުންގެ ގުޅުން ކެނޑިއްޖެއެވެ. އެއިގެ އަހަރުތަކެއްފަހުން އެޒުވާނާގެ ވިޔަފާރި ބަނގުރޫޓުވެ ހުލިވެގެންދިއައެވެ. މުވައްޒިފުންގެ މުސާރަނުދެވޭ ޙާލަތަށް ކަންކަން ދިއައެވެ. އެޙާލަތުގައި އުޅެނިކޮށް 10 ބުރީގެ ޢިމާރާތެއްކުރަން ބީލަމަށް ހުޅުވައިލުމުން މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅިއެވެ. އެ މަޝްރޫޢު ލިބިއްޖެނަމަ މާލީ ގޮތުން ތަނަވަސްކަމެއް ލިބިދާނެތީ އަނެއްދުވަހު އެ ޢިމާރާތްކުރުވާފަރާތާއި ބައްދަލުކުރަން ދިއައެވެ. އެއީ ހުށަހެޅި އަގަށްވުރެ ކުޑަކޮށްގެންނަމަވެސް ބީލަން ކާމިޔާބުކުރަން ބޭނުންވާތީއެވެ. 

ބައްދަލުކުރަންޖެހުނީ ދެމަފިރިއަކާއިއެވެ. އެއީ އެދެމަފިރިންގެ ކުންފުންޏަކުން ހުޅުވާލާފައިވާ ބީލަމަކަށްވާތީއެވެ. އަންހެން މީހާ ފެނުމުން އޭނާއަށް ޝައްކުތަކެއްވިއެވެ. އެއީ އޭނާ ލޯބިވެގެން އުޅުނު އަންހެންމީހާ ނޫންބާވައެވެ! އެހާ ފަޤީރު އަންހެނަކަށް މިހައިބޮޑު ތަނަވަސްކަމެއް މިލިބުނީ ކިހިނަކުންބާވައެވެ! އެއީ ހަމަ އޭނާބާވައެވެ! 

ޝައްކުތައް ފިލީ އޭނާގެ އަޑު އިވުމުންނެވެ. އެއީ ހަމަ އޭނާއެވެ! އޭނާ ބުންޏެވެ. "ތިއަހީކުރެވުނީ ހަމަ ރަނގަޅަށެވެ. އަހަރެންނަކީ ހަމަ ޒިޔާދާއެވެ. ރަސޫލް ޒަމާނުގައިވެސް ހުރި ދީނުގެ ޙުކުމްތަކަށް މިހާރުވެސް ޢަމަލުކުރަން ބޭނުންވި ޒިޔާދާއެވެ. އަހުރެންގެ ފިރިމީހާއާއި އަހަރެމެން ދެމީހުން ކައިވެނިކުރީ ހަމަ ވަރަށް ފަޤީރު ޙާލުގައި ތިބެއެވެ. މިހާރު ދިހަ އަހަރުވެއްޖެއެވެ. ދަރިން ފައްޗެއްވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ކުޑަ ޤުރޫޕެއް ހަދައިގެން ގޭގޭގައި މަސައްކަތްކޮށްދީގެން އާމްދަނީ ހޯދަމުން އައި މީހެކެވެ. އެމަސައްކަތުގައި ﷲ ބަރަކާތް ލެއްވެވީއެވެ. މިއަދު އަހަރެމެން މިކުރާ މަސައްކަތަކީ ބިން ބަނެގެންނާއި މީހުންގެ ބިމުގައި ޢިމާރާތްކޮށްދިނުމެވެ. ބީލަން ހުށަހަޅައިގެން ތިއައުޅެނީ އަހަރެމެން ގަނެފައިވާ ބިމެއްގައި ކުރަންބޭނުންވާ ޢިމާރާތަކަށެވެ. 

ދެން ކަލޭ އެންމެ ޝައުޤުވެރިވާނީ އަހަރެމެން ކައިވެނިކުރި ގޮތަށެވެ. ކައިވެނީގެކުރިން އަހަރެމެން ބައްދަލުކުރީވެސް އެންމެ ފަހަރަކުއެވެ. އެއީވެސް މައިންބަފައިންނާއިއެކުގައެވެ. 21 ވަނަ ޤަރުނުގައިވެސް ކައިވެނި މިކުރީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެކަންކުރި ގޮތަށެވެ. 

އިރާދަކުރެއްވިއްޔާ ކަލޭ ތިއައެދުނު ކަންކަން ކޮށްދޭނަމެވެ. އަގުވެސް ކުޑަކުރާނެ ކަމެއް ނެތެވެ. ރަނގަޅު ފެންވަރުގައި މަސައްކަތްކޮށްދީފިނަމަ ނިމުނީއެވެ." 

ޒިޔާދާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަޅުގަނޑު އޭނާގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ މި 22 ވަނަ ޤަރުނުގައިވެސް އިސްލާމް ދީނުގައިވާ ކަންކަން ހަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް އޮތްގޮތަށް ކުރަމުން ގެންދިއުމުން އެކަމުގެ ނަތީޖާ ރަނގަޅު ގޮތުގައި ފެންނަކަން ހާމަކޮށްލުމަށެވެ. ކައިވެނިތައް ރޫޅެން އެންމެ ގިނައިން މެދުވެރިވާ އެއްސަބަބަކީ ދީނުގައިވާ ކަންކަން ޒަމާނީކޮށްލުންކަމަށް އަޅުގަނޑުވެސް ޤަބޫލުކުރާ ވާހަކަބުނެލުމަށެވެ. 

ކައިވެނީގައި އުފާވެރިކަން ލިބެނީ ﷲ ބަރަކާތް ލެއްވެވުމުންނެވެ. ބަރަކާތް ލައްވަވާނީ ﷲ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުން ނޫންތޯއެވެ؟ 

--ނަހުލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން