މެލޭޝިއާ އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ 7 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެންމެ ފަހުން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
ހަފްތާއަކު 1 ދަތުރު ރާއްޖެއަށް ކުރާއިރު މި ދަތުރުތައް ކުރަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިއަދު ހެނދުނު ފެށި ފުރަތަމަ ދަތުރުގައި 168 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
މެލޭޝިއާ އެއަރލައިންސްގެ ފުރަތަމަ ދަތުރު ރާއްޖެއަށް އައުމާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. އަދި އެއަރލައިންއަށް މަރުޙަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއްވެސް ވަނީ ދީފައެވެ.
މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.