ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރެވުނު 3 މީހުންގެ ތެރެއިން 2 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ހ. ނޫރަންމާގެ އިކްރާމުއްރަހްމާނާއި މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދެވުނެވެ. އެ ކޯޓުން ވަނީ މި ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަދި މި މައްސަލައިގައި ހައްޔަރުކުރެވުނު ތިންވަނަ މީހާ ކަމަށްވާ ގއ. ކަނޑުހުޅުދޫ އާޒާދުގެ ޖިނާހް އިސްމާޢީލްގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް ހުޅުމާލެ ކޯޓަށް ހާޟިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ޖުމްލަ ހައްޔަރުކުރެވިފައިވަނީ 3 ދިވެހި ފިރިހެނުންނެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

މިއަދު އޮންލައިން