ކޮންމެ ދެމަފިރިޔަކުވެސް ކައިވެނީގެގޮށް ޖަހާލަނީ ނުހަނު ލޯބިން އަދި ދަރިންވެސް ހޯދަނީ ވަރަށް ބޭނުންވެގެންނެވެ. ދެމަފިރިން އިނދެގެން އުޅޭއިރު ދަރިންނާމެދު ގިނަ ބައްޕައިން ކަންތައްތައް ކުރަނީ ވަރަށް ލޯބިންނެވެ. އެކަމަކު، ކައިވެނީގެ ގޮށްމުހި ދެމަފިރިން ވަކިވުމާއެކު ދަރިންނާ ބައްޕަ ވަކިވެ، މަންމަޔާއެކު ދަރިންކޮޅުވެސް ވަރިކޮއްލާފަދައެވެ. މިއީ މިހާރުވެސް މި ކުޑަ ކުޑަ މުޖުތަޢުގާ ހިނގަމުން އަންނަ ހިތާމަހުރި ކަންކަމެވެ.
ވަރިވުމަށްފަހު ބައެއް ބައްޕައިންގެ އަތުން ކޯޓު މެދުވެރިކޮށް ހޯދާ ފައިސާ ކޮޅުވެސް ލިބެނީ ސަލާން ޖަހައިގެން އާދޭސްކޮއްގެންނެވެ. އެކަމަކު މީ އިނދެގެން އުޅުނުއިރު ތިބާގެ ލޯބިވާ ލޯބި ދަރިންކޮޅެވެ. ވަކިވުމަށްފަހު ދަރިން ލޮލުން ނުދެކި އެތައް މަސްދުވަހެއް ނޫނީ އެތައް އަހަރެއްވާއިރު ދަރިން ދެކިލަން ނާދެވޭތަނުގައި ދަރިންގެ މައުސޫމް މޫނު ދެކޭހިތް ނުވެސްވަނީއެވެ.
މިއަދު ތިބާގެ ހިތް ހިލަފަދައެވެ. އެކަމަކު އިނދެގެން އުޅުނުއިރު ތިބާގެ ދެލޯ ނޭދި އެދޭ ދަރިންނެވެ. ދެކޭހިތުން ތިމާގެ ދެލޮލުގަ ރިއްސި ލޯބި ދަރިންނެވެ. ދަރިންނާ ގުޅާލާ ހާލުވެސް ބަލާލުން މިހާރު ވަނީ ބޮޑު ބުރަޔަކަށެވެ. އެކަމަކު މީ އިނދެގެން އުޅުނުއިރު އެއްދުވަހުވެސް ގުޅާނުލާ އެދަރިންގެ ލޯބިއަޑު އަހަނުލާ ކެތްނުވި ތިބާގެ ލެއިންއުފެދުނު ތިބާގެ ދަރިންކޮޅެވެ.
މިއަދު އެދަރިން އެއްޗަކަށް ބޭނުންވެގެން އެއްޗަކަށް އެދުނަސް ބައެއް ބައްޕައިންނަށް ހީވަނީ އެއީ ތިބައްޕައަށް ކުރާ ޖެއްސުމެއްކަމަށެވެ. އެކަމަކު ތިއައީ އިނދެގެން އުޅުނުއިރު ތިބާގެ އަތް ވިއްކާލާފަވެސް ދަރިންބޭނުންވާހާ އެއްޗެއް ހޯދަން ތައްޔާރުގަ ހުރި ބައްޕަ ނޫންހެއްޔެވެ؟
ދަރިން ބެލުމުގެ ޒިންމާއަކީ ތިބާގެވެސް ޒިންމާއަކަށްވާއިރު މިފަދައިން ދަރިން ނިކަމެތިކުރާއިރު ހިތެއްވެސް ތިބާގެ ނެތީހެއްޔެވެ؟ ތިބާގެ ލެޔަށް ތިބާތިދެނީ ކޮންފަދަ ބޮޑު ނިކަމެތިކަމެއްހެއްޔެވެ.؟ އެކުދިންގެ ކުށަކީކޮބާ ހެއްޔެވެ؟ މިއީނުބައި ނުލަފާ ކަމުގެ އިންތިހާއެއް ނޫންތޯއެވެ؟
ހަމަޤައިމުވެސް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް ކުރިއަށް އެބަ އޮތެވެ. އެދުވަހުން ސަލާމަތްވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިންގެ މަންމައާއި ވަކިވި ކަމުގައި ވިޔަސް އަދިވެސް އެއީ ތި ބައްޕަގެ ދަރިންނެވެ. އެދަރިންގައިގަ އެ ހިނގަނީ ތިބައްޕަގެ ލެޔެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ދެމަފިރިން ވަކިވިޔަސް ދަރިންނާ ބަރާބަރަށް ގުޅުން ބާއްވާ، ކޯޓުގައި ވަކިމިންވަރެއް ކަނޑައަޅާފައި ވިކަމުގައި ވިޔަސް ދަރިންގެ ހުރިހާ ޒަރޫރީ ބޭނުމެއް ފުރިހަމަ ކޮއްދޭ ދަރިންނާ ގަވައިދުން ބައްދަލުކުރާ ވަރަށް ހެޔޮލަފާ ރަނގަޅު ބައްޕައިން އުޅެއެވެ. އަޅުގަނޑު ބުނެލާނީ އެފަދަ މީހުންނީ ހަގީގީ އިންސާނީވަންތަ ލޭ ހިނގާ ލޮބުވެތި ބައްޕައިންކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް (ކިޔުންތެރިޔާގެ އަމިއްލަ ޢިބާރާތުން)