ކުޑައިރުންސުރެ ހިތުގަ އޮތް ޙަސަދަވެރިކަމުގެ ސަބަބުން އެންމެ އިސްތަށްޓަކުން ހަމަލާދޭން އުޅުނު އަންހެނަކަށް މިލިއަނަރެއްގެ ކައިވެނި ގެއްލުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ކުޑައިރުންސުރެ ހިތުގަ އޮތް ޙަސަދަވެރިކަމުގެ ސަބަބުން އެންމެ އިސްތަށްޓަކުން ހަމަލާދޭން އުޅުނު އަންހެނަކަށް މިލިއަނަރެއްގެ ކައިވެނި ގެއްލުނު ގޮތުގެ ވާހަކަ-

އަހުރެމެންނަކީ މުސްލިމުންނެވެ. އެއްވެސް މީހެއްގެ މައްޗަށް ހިތުގައި ހަސަފަވެރިކަން ބޭއްވުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ކާފިރަކަށް ނަމަވެސްމެއެވެ. ނަމަވެސް ހިތާމައަކީ މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް ޙަސަދަވެރިވެވޭކަމެވެ. ހިތުގައި އެކަން އެތައް އަހަރެއްވަންދެން ބޭއްވޭކަމެވެ. 

އެކަމަކީ ދުނިޔޭގައި މުޞީބާތްތައް ކުރިމަތިކުރައްވަވާ އަދި ޤިޔާމަތް ދުވަހު ޢަޛާބް ދެއްވަވާނެ ފާފައެއްކަން އެނގޭއިރުވެސް ގޮތްދޫނުކުރަންތިބޭ މީހުން މަދެއް ނޫނެވެ. ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

އޭނާއަކީ މިލިއަނަރުން ފެންވަރުގެ ތަނަވަސް މީހެކެވެ. އޭނާ ދިއައީ ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ތައްޔާރުވަމުންނެވެ. ޙަޔާތުގެ ބައިވެރިޔާ ފައިނަލްކޮށް އެކަން އިއުލާނުކުރަން އޮތްރޭ ދެމީހުން ރެސްޓޯރަންޓަކަށް ކާންދިއައެވެ. 

ކަންދިމާވިގޮތުން އެތަނުން ބައްދަލުވި ވެއިޓަރަކީ އަންހެން މީހާ އާއިއެކު ސްކޫލްގައި ކިޔެވި ކުއްޖެކެވެ. އަދި އެދުވަސްވަރު ދެމީހުންގެ މެދުގައި ވަނީ މައްސަލަތަކެއް ޖެހިފައެވެ. އެއިގެފަހުން 10 އަހަރުވެފައިވާއިރުވެސް އެކަމުގެ ޙަސަދަވެރިކަން އޭނާގެ ހިތަކުން ނުފިލައެވެ. އެހެންވެ ޤަޞްދުކުރީ އެނާ އެތަނުގެ ވަޒީފާއިން ވަކިކުރެވޭނެ މަޅިއެއް ޖަހާށެވެ. 

އޯޑަރުކުރި ކޭކުކޮޅު ގެނައުމާއިއެ އެއިން އިސްތަށްޓެއް ފެނުނު ކަމަށްވެއްޖެއެވެ. ރުޅިގަދަވެ ވެއިޓަރަށް އެއްޗެތި ގޮވާފައި މެނޭޖަރު ގެންނަން ބުނުމުން އެއީ މެނޭޖަރު ގެންނަ ވަރުގެ މައްސަލައެއް ނޫންކަމަށާއި ކޭކުކޮޅު ބަދަލުކޮށްދީފާނެ ކަމަށް ވެއިޓަރު ބުނުމުންވެސް ދޫނުކޮށް މަޖުބޫރުކުރީ މެނޭޖަރު ގެނައުމަށެވެ.

އެންމެފަހުން މެނޭޖަރު ގެނުވައި އޭނާއަށް މައްސަލަ ހުށަހެޅިއެވެ. ޝަކުވާކުރުމުން މެނޭޖަރުބުނީ ތިއައީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ބަދިގެއާއި ހަމައިން މިހިސާބަށް ކޭކުކޮޅު ގެނައި ގޮތުގެ ވީޑިއޯފުޓޭޖްބަލައި ފިޔަވަޅު އަޅަންޖެހޭ މީހަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި ފުޓޭޖްބަލަންދެން ކުޑައިރުކޮޅަކު މަޑުކޮށްލުމަށެވެ.

އެހިސާބުން އަންހެންމިހާ މައިތިރިވެއްޖެއެވެ. ބުނީ އެއީ ވީޑިއޯފުޓޭޖް ބަލާވަރުގެ ބޮޑު މައްސަލައެއް ނޫންކަމަށާއި ކޭކުކޮޅު ބަދަލުކުރާނެ ކަމެއްވެސް ނެތްކަމަށެވެ. އިސްތަށި ނަގާފައި ކާލައިފާނެކަމަށެވެ. ނަމަވެސް މެނޭޖަރު އެކަން ޤަބޫލުނުކޮށް ފުޓޭޖްބަލަން އުޅުމުން ބުނީ އިސްތަށިއެއަށްލީ އޭނާ އަމިއްލައަށް ކަމަށެވެ. 

އެހިސާބުން މެނޭޖަރުބުނީ ސަބަބެއް ނެތި ރެސްޓޯރަންޓުގެ އަގުވެއްޓޭގޮތަށް އަޑުގަދަކުރުމާއި އެހައިބޮޑު ދޮގެއްހެދުމުން ރެސްޓޯރަންޓުގެ ނަމަށް ލިބުނު ގެއްލުމުގެ ބަދަލުހޯދަން ދައުވާކުރަންޖެހޭ ކަމަށެވެ. އެހިސާބުން މިލިއަނަރާއި މެނޭޖަރު ވާހަކަތަކެއް ދައްކައި މައްސަލަ ނިންމައިލިއެވެ. 

މިލިއަނަރުބުންޏެވެ. "މިރޭ މިތަނަށް މިއައީ އަހަރެންގެ ލޯބިވެރިންގެ ތެރެއިން ކަލެއާއި ކައިވެނިކުރަން ނިންމައިއެވާހަކަބުނާށެވެ. ނަމަވެސް މިހިސާބުން ދެމީހުންގެ ގުޅުން ނިމުނީއެވެ. ނިކަމެތި މުވައްޒިފެއްގެ ވަޒީފާ ދުއްވާލަން އަމިއްލަ އިސްތަށްޓަކުން ޙަމަލާދޭން ކެރުނު ހިތެއް ނެތް އަނިޔާވެރިއަކު ވަޅިއަކުން އަހަރެން ކަތިލަންވެސް ފަހެއް ނުޖެހޭނެއެވެ. މިއީ އިސްތަށްޓެއްގެ މައްސަލައެއް ނޫނެވެ. ހަސަދަވެރިކަމުގެ މައްސަލައެކެވެ. ނިކަމެތިންނަށް ރަޙުމްނުކުރާ އަނިޔާވެރިންގެ ހިތުގައި އެއްވެސް މީހެއްގެ މައްޗަކަށް އެއްވެސް ޤަދަރެއް، އިޙްތިރާމެއް ލޯތްބެއް ކުލުނެއް ހަމްދަރުދީއެއް ނުއޮންނާނެއެވެ. ވީމާ މިހިސާބުން ޢުމުރަށް ސަލާމެވެ. 

އަންހެންކުއްޖާ މާފަށް އެދި ރޮއިއާދޭސްކުރަމުން ދަނިކޮށް ބިލްދައްކާފައި އޭނާ ނުކުމެގެންދިއައީއެވެ. 

މިވާހަކަ ސޯޝަލްމީޑިއާއިން ބަލާފައިވާ މީހުން ތިބޭނެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ހުށަހަޅައިމިލީ މިހާދިސާގެ ސަބަބުން ވަރަށް ފައިދާހުރި ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާތީއެވެ. 

ފުރަތަމަ ކަމަކީ ހަސަދަވެރިކަމުގެ ހުރިކަން ބޮޑުކަމެވެ. އެއްވެސް މީހަކަށް، ޚާއްޞަކޮށް ތިމާއަށްވުރެ ދަށުދަރަޖައިގެ މީހުންނަށްގެއްލުންދޭން މަސައްކަތްކުރުމުން ލިބިދާނެ ގެއްލުމުގެ ބޮޑުކަމެވެ. އޭނާ މަސައްކަތްކުރީ ވެއިޓަރުގެ ވަޒީފާ ގެއްލުވައިލާށެވެ. ގެއްލިގެން އެދިއައީ މިލިއަނަރެއްގެ އަންތބަކަށްވެވެން އޮތް ފުރުޞަތެވެ. ގެއްލުން މިލިބުނީ ކާކަށް ހެއްޔެވެ؟ 

އަޅުގަނޑުމެންގެ ތެރޭގައި މީހަކު ކޭކުފޮތްޗަކަށް އިސްތަސްޓެއް ނުލައިފާނެއެވެ. އެއީ ރާއްޖޭގައި އެކަން އެހައި ބޮޑުކަމަކަށްނުވާނެތީއެވެ. ނަމަވެސް ހަސަދަވެރިކަމުން އަނިޔާދިނުމަކީ ހަމަ ވަރަށް ޢާންމުކަމެކެވެ. ކިތަންމެ އެކުގައި އުޅެފައިވެސް އަނެކާއަށް ކިތަންމެ ބޮޑު ދެރައެއްދޭން ވެސް ފަސްޖެހޭ މީހަކު ނެތްކަމަށް ބުނަންޖެހޭވަރަށް ހަސަދަވެރިކަމުގެ ޢަމަލުތައް ގިނަވެއްޖެއެވެ. 

ވީމާ މިވާހަކައަކީ ވަރަށް ޢިބްރަތްތެރިވާހަކައެއްކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހަމަ ޙިއްޞާކޮށްލީއެވެ.

 

- ނަރީމާ /މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން