އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

އިނގިރޭސިވިލާތުގެ ސައުތްޕޯޓުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަ ސަމާލުވުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެއް ހާރިޖިއްޔާއިން ނެރު ބަޔާނެއްގައި ބުނެފައިވަނީ ސައުތްޕޯޓުގައި އިނގިރޭސިވިލާތުގެ ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި 3 ކުޑަކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ސަމާލުކަމާއެކު ވަރަށް ގާތުން ބަލަމުން ކަމަށެވެ.

މި ޙާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ވުޒާރާއިން އެދިފައިވަނީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށެވެ. އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައިވެއެވެ.

            

މިއަދު އޮންލައިން