މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މި ލޯނު ސްކީމަކީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ ލޯނެއް ކަމަށާއި، ވަރަށް ލުއި ގޮތަކަށް މަސްވެރިންނަށް މި ލޯނު ދިނުމަށް މަސްވެރި ވުޒާރާއިން ވަނީ ނިންމާފައި ކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވިއެވެ.
މަސްވެރިން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް މަސްވެރި ވުޒާރާއިން ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކަނޑުމަހާއި ކަންނެލި މަސްވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސްޓޭޓް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ. އަދި އެހެން މަސްވެރިންނަށްވެސް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް ސްޓޭޓް މިނިސްޓަރ މުއްޠަލިބު ފާހަގަކުރެއްވިއެވެ.
މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް މި ޚާއްސަ ލޯން ސްކީމް ތައާރަފްކުރާ ކަމަށާއި، މަސްވެރި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ކަނޑުމަތީގައި މަސްވެރިން ހޭދަކުރާ ވަގުތު މަދުކޮށް އެފިޝެންޓްކޮށް މަސްވެރިކަން ކުރުމަށް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް މިހާރުވެސް މަސްވެރި ވުޒާރާއާއި ޖައިކާ ގުޅިގެން މަސްވެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޑައިރެކްޓަރ އަޙްމަދު ޝިފާޒް މައުލޫމާތު ދެއްވިއެވެ.
ހަބަރު: ސަރުކާރު