ބޭނުންތައް ނުފުދި ދަތިޙާލުގައި ހުރެގެންވެސް އެހެން މީހަކަށް އެހީތެރިވުމުން ހިތްފުރި އިތުރުވާހައި ގިނަ ބޭނުންތަކެއް ފުދުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ބޭނުންތައް ނުފުދި ދަތިޙާލުގައި ހުރެގެންވެސް އެހެން މީހަކަށް އެހީތެރިވުމުން ހިތްފުރި އިތުރުވާހައި ގިނަ ބޭނުންތަކެއް ފުދުނު މީހެއްގެ ވާހަކަ-

ގިނަބައަކަށް އަބަދުހެން ވިސްނެނީ ނުފުދި ހުރި ބޭނުންތަކާއިމެދުގައެވެ. ޙާޞިލުނުކުރެވިހުރި ކަންކަމާއިމެދުގައެވެ. އެހެންވެ އަބަދުހެން ތިބެންޖެހެނީ ކަންބޮޑުވުމުގައެވެ. ކިތަންމެ ދަތިޙާލުގައި ހުރެގެން ނަމަވެސް އަތުގައި އޮތް މިންވަރުން ނިކަމެތިންނަށް އެހީތެރިވާނަމަ އެމީހަކަށް ނިޢުމަތްތައް އިތުރުކުރައްވަވާނެތެވެ. ރަޙްމަތް ލައްވަވާނެތެވެ. އެމީހަކަށް ކުރިމަތިވެފައިވާ ދަތިޙާލުން ސަލާމަތްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ. އެފަދަ ބޮޑު ރަޙްމަތެއް ކޮންމެ މީހަކަށް ނުލިބިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ކޮންމެ މީހަކަށްވެސް ލިބޭނެތެވެ. އެކަމުގެ ސަބަބުން ޙާލަތު ބަދަލުވެގެންދާނެތެވެ. އިން ޝާ ﷲ  

އޭނާއަކީ ވަޒީފާގެއްލި މަގުމަތިވެފައިވާ މީހެކެވެ. ދަބަސްގަނޑު ޓްރޯލީއަކަށްލައިގެން މަގުމަތީގައި ސަލާންޖަހަން އިންނަ މީހެކެވެ. އެހެން އިންދައި އެއްދުވަހަކު އޭނާއަށް އަންހެނަކު 100 ޑޮލަރުދިނެވެ. އެހައި ގިނައިން ދިނުމުން ސަބަބާއިމެދު ސުވާލުކުރުމުން ބުނީ އެއީ އެދުވަހު އޭނާއަށް ލިބުނު ބޯނަސްއެއް ކަމަށާއި އޭނާގެ އަމިއްލަ ބޭނުންތައް ނުފުދިހުރިނަމަވެސް ދަތިޙާލުގައިވާ މީހަކަށް އެހީތެރިވީ ﷲ ދެއްވަވާނެ އަދަދު މާގިނަވާނެތީ ކަމަށެވެ. އެހެންބުނެފައި އޭނާ ދިއައީއެވެ.

އެފައިސާ ހިފައިގެން ކާނެ އެއްޗެއް ގަންނަން ދަނިކޮށް އޭނާއަށް ފެންނަނީ މަގުމަތީގައި ސަލާންޖަހަން އިން އެހެން ފިރިހެނެކެވެ. އޭނާވެސް އިނީ ކާނެ އެއްޗަކަށް ވަރަށް ބޮޑަށް ބޭނުންވެގެންކަމަށްބުނުމުން އޭނާ ގޮވައިގެން ރެސްޓޯރަންޓަކަށްގޮސް އޭނާއަށްވެސް ކާނެ އެއްޗެއް ގަނެދިނެވެ. ކާން ތިބެގެން ދެއްކި ވާހަކައިގައި ދެމީހުންގެ މެދުގައި ގުޅުން އުފެއްދިއެވެ.  

އެއިގެ ދުވަސްކޮޅެއްފަހުން މިދެމީހުން ބައްދަލުވާއިރު ފަޤީރުމީހާ އެމީހަކަށް ކާނެ އެއްޗެތި ގަނެދިން ފަޤީރުމީހާ ހުރީ ކޯޓެއްލައި ޓައީވެސް އަޅައިގެންނެވެ. އެހެންވެ ވަކިކުރާކަށްވެސް ނުއެނގުނެވެ. ބައްދަލުވުމާއިއެކު އޭނާ ގެންގުޅޭ ފޮށި ނަގައި ކާރުގެ ޑިކީއަށް އަރުވާފައިބުނީ ކާރަށް އެރުމަށެވެ.  

ކާރަށް އެރުމުން ގެންގޮސްބޭލީ ބޮޑު ގެއަކަށެވެ. ގެއަށްވައްދާފައި ބުނީ މިގެއަކީ އެކުވެރިޔާއަށް ގަނެދީފައިވާ ގެއެއް ކަމަށެވެ. އަދި އެންމެ ފަހުގެ ފޯނަކާއި ފައިސާތަކެއްވެސް ދީފައިބުނީ މާދަމާއިން ފެށިގެން އޭނާގެ ވަޒީފާއަށް މަސައްކަތުނުކުތުމަށެވެ. އެވަރުން ފުއްދައިލީއެއްވެސް ނޫނެވެ. "އަނާ" އެވެ ދެފަހަރަށް ބުނާއިރަށް ރީތި އަނqހެނަކުވެސް އަތުވެއްޖެއެވެ.  

އައުމުން ބުންޏެވެ. "މިއީ ސޯޝަލްމީޑިއާއިން ބަލައިގެން ކަލޭގެ ރަހަތަކާ ގުޅޭގޮތަށް އަހަރެން ކަލެއަށް ހޯދާދީފައިވާ އަންހެނެކެވެ. އޭނާވެސް އެހެރީ އަހަރެންގެ ވަޒީފާގައެވެ. ދެމީހުން މިޒާޖާ ކަންކަން ދިމާވޭތޯ ބަލާފައި ދިމާވާނަމަ އަވަހަށް ކައިވެނިކުރާށެވެ! އެކަމަށްވެސް ޚަރަދުކުރާނީ ހަމައަހަރެންނެވެ. 

ދެން ބުނަންހެއްޔެވެ؟ އެދުވަހު އަހަރެން ހެދީ ދޮގެކެވެ. އަހަރެންނަކީ ތަނަވަސް މީހެކެވެ. އެދުވަހު ބުނިފަދައިން އަހަރެންގެ ވިޔަފާރި ބަނގުރޫޓެއް ނުވެއެވެ. އެތަނުގައި ސަލާންޖަހާ މީހަކަށް ހެދިގެން އިނީ މީހުންނަށް ރަޙުމްކުރާ މީހަކު ހޯދައި އޭނާއަށް އަހަރެންގެ މެނޭޖަރުކަންދޭންވެގެންނެވެ. ކުރިން ހުރި މެނޭޖަރު އެކްސިޑެންޓެއްގައި މަރުވުމުން ބަދަލުގައި އޭނާފަދަ މީހަކު ހޯދަންވެގެންނެވެ. ކަލޭގެ ހިތްހެޔޮކަމުގެ އަގެއްގެ ގޮތުން އެނަޞީބު ކަލެއަށް ލިބެންއިރާދައިގައި ހުރުމުން ކަލޭގެ ހުރި ހިތްހެޔޮކަން އަހަރެންނަށް ދައްކައިލެވުނީއެވެ. މިކަންކަމަކީ އަހަރެމެންގެ ބާރު ހިނގާ ކަންކަމެއް ނޫނެވެ. މަތިން ރޭވިގެން އަންނަ ކަންކަމެވެ."  

މިއީ އަޅުގަނޑު ބެލި ފިލްމެކެވެ. އަޅުގަނޑު މިވާހަކަ ޙިއްޞާކުރި ހުރިހާ އެކުވެރިންހެން ފާހަގަކުރީ 100 ޑޮލަރު ލިބުމުން ދަހިވެތިނުވެ އެހެން މީހަކަށް އެހީތެރިވިމީހާގެ ދީލަތިކަމެވެ. ނަމަވެސް އަޅުގަނޑު ބޮޑަށް ފާހަގަކުރަން ބޭނުންވަނީ 100 ޑޮލަރުދިން އަންހެންކުއްޖާގެ ދީލަތިކަމާއި އެކަމުގެ ސަބަބުން އޭނާއަށް ލެއްވެވި ރަޙްމަތުގެ ބޮޑުކަމެވެ. ސަބަބަކީ ދެވަނަ މީހާއަށް އެހީތެރިވެވުނީ އެފައިސާ އޭނާއަށް ލިބުމުން ކަމުގައިވާތީއެވެ. މަގުމަތީގައި ސަލާންޖަހަން އުޅުނު މީހަކަށް ގެއަކާއި މިހުރިހާ ނިޢްމަތްތައް ލިބެން މެދުވެރިވި ސަބަބަކީ އޭނާދިން 100 ޑޮލަރުކަމަށްވާތީއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އޭނާ ފައިސާދިން މީހާއަށް އެކަމުގެ ސަބަބުން ލިބުނު ހުރިހާ ނިޢްމަތްތަކަކަށްވެސް ﷲ ތަޢާލާ އޭނާއަށް ޘަވާބު ދެއްވަވާނެތެވެ. ވީމާ އަމިއްލަ ބޭނުންތައް ބޭނުންތައް ނުފުއްދުނަސް އެހެން މީހުންނަށް އެހީތެރިވާށެވެ. ހީވެސް ނުކުރެވޭނެހައި ގިނަގުނަ ނިޢްމަތްތައް އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. މިއަދުނޫހުގެ ކިޔުންތެރިން އެބޭފުޅަކު ބޭނުންފުޅުގޮތަކަށް ވިސްނަޥާށެވެ!

 

- ޙަސީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން