ރާއްޖޭގައި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ޝިމާދު ވިދާޅުވީ މި ޚިދުމަތް ފުރަތަމަ ފަށާއިރު 4000 ޓަނުގެ 2 ބޯޓު ބޭނުންކޮށްގެން އޮފްޝޯ ނުވަތަ ކަނޑުގައި އުޅަނދު ބާއްވައިގެން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެ ބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ.
މި މަސައްކަތް ފެށުމަށްޓަކައި އިކޮނޮމިކް ކައުންސިލާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ކަމާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާއެކު މަސައްކަތްތައް ކުރަމުން ގެންދާ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް މި މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ފަށާނެއެވެ.
މި ޚިދުމަތް ފެށުމުން ރާއްޖޭގެ އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގެ މަސައްކަތް ފެށިގެންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.