މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ޒަމާނީ މަރުކަޒީ ބޭންކަކަށް ހެދުމަށްޓަކައި އެ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 5 ދާއިރާއަކަށް 5 މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެމްއޭގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެ އޮތޯރިޓީގެ އެސިސްޓެންޓް ގަވަރުނަރުގެ މަޤާމު ވަނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށްފައެވެ. އަދި މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަޤާމަށް ޕްރޮމޯޓްކޮށްފައެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލަށް އުފައްދާ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަކީ ފަސް އަހަރުގެ ދެ ދައުރަކަށް ހޮވާ މަޤާމުތަކެކެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެމްއެމްއޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުކޮށްވެސް ހުޅުވާލާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރެވޭނެ ކަމަށް ބެލެވެއެވެ.