ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވަނީ

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެންނަށް ހުޅުވާލާފައިވާކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ، މި މެސެޖަކީ ސައްޙަ މެސެޖެއް ނޫން ކަމަށެވެ. އަދި މި ލިންކް މެދުވެރިކޮށް އިންސްޓްގްރާމް އަދި ފޭސްބުކް ހެކްކޮށް، އެ މީހެއްގެ ނަމުގައި އެކި މީހުންނަށް ފައިސާ ހޯދުމަށް މެސެޖް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނަށް އިންޒާރުދެއްވާފައެވެ. އެގޮތުން، މިފަދަ ގޮތަކަށް އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.

މި ސްކޭމް މެސެޖުތައް ފޮނުވަމުންދަނީ ކޮން ފަރާތަކުންކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ވިނަރެސް ފްލެޓްތަކާ ގުޅޭ ރަސްމީ މަޢުލޫމާތު ހޯދުމަށް، ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ޝާއިޢުކުރާ މަޢުލޫމާތަށް ރިޢާޔަތްކުރުމަށް ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން