މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ފައިދާގެ ގޮތުގައި މިހާތަނަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އޮފީހުގެ ޑިރެކްޓަރ އިންވެސްޓްމަންޓް އައިމިނަތު އިރާޝާއެވެ.
ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިމިނަތު އިރާޝާ ވިދާޅުވީ، ޕެންޝަން ފަންޑަކީ ޔުނިޓައިޒޭޝަން ސިސްޓަމެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށާއި، ފަންޑަށް ކޮންޓްރިބިއުޓް ކުރާ ކޮންމެ މީހަކަށް ވަކި ޔުނިޓެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އަދި ފަންޑުން ލިބޭ ފައިދާ ބެހިގެންދާނީ ހުރިހާ މެންބަރުންނަށް އެއްވަރަކަށް ކަމަށާއި، އިންޓްރެސްޓް ލިބޭ މިންވަރަކުން ޔުނިޓްތައް އިތުރުވަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕެންޝަނަކީ މީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށްފަހު ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ ފައިސާވެސް ޕެންޝަންގެ ތެރޭގައި ހިމެނެއެވެ.