ދަނާލުތައް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ދަނާލުތައް ތަރައްޤީކުރުމަށް ފައިސާ ބޭނުންވާނެތީ، އެ މަސައްކަތް ކުރެވެން އޮތީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ފާސްވުމާއެކު، ދަނާލު އެޅުމަށް ނިންމާފައިވާ ރަށްރަށުގައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޝަފީޢު ވިދާޅުވި ގޮތުގައި، 5 އަހަރު ދުވަހުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލަކު ސިޓީގައެވެ.
މި މަޝްރޫޢުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކޮށް، އެ ފުރުޞަތުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.