ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް މިއަދު އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ތަނަކީ ކުރީގައި ކެފޭއެއްގެ ގޮތުގައި ހިންގަމުން އައި ތަނެއްކަމަށާއި ނަމަވެސް މިހާރު މި ތަން ބޭނުންކުރަމުން ދަނީ ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީގެ ޚިދުމަތް ދިނުމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތައް "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓުކުރަމުން ގެންދިއުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.