ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު އެއް އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު އެއް އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތެއް ޤާއިމުކުރަނީ

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު އެއް އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވީ، ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރޭގައި ދައުލަތުގެ ބައެއް ކުންފުނިތަކާއި ގުޅުންހުރި އިދާރާތަކުން ދައްކަންޖެހޭ ފައިސާވެސް ހިމެނޭ ކަމަށާއި މިފަދަ ފަރާތްތަކާމެދު އެއް އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތްތަކެއް މާލީ ވުޒާރާއާ ގުޅިގެން ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޙަސަން ޒަރީރު އިތުރަށް ވިދާޅުވި ގޮތުގައި، މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ޖޫރިމަނާތައްވެސް ހިމެނޭ ގޮތަށް، ހަމައެކަނި ޓެކުހުގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ނުލިބި ވެއެވެ. މީގެ އިތުރުން، ނޮން-ޓެކްސްގެ ގޮތުގައި އިމާރާތާއި ބިމު ކުލީގެ ގޮތުގައިވެސް 7.8 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތަށް ލިބެންޖެހޭ ނަމަވެސް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދު 15 ބިލިއަން ރުފިޔާއަށް އަރާއިރު، މި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

މި މަސައްކަތުގެ މުހިންމުކަން ފާހަގަކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެއް އުޞޫލެއްގެ ދަށުން މަސައްކަތްކުރުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން