ޢިބްރަތްތެރި ވާހަކަ: ޚިޔާނާތްތެރިވަމުން އައި ފިރިމީހާގެ ޙަޤީޤަތް އަނބިމީހާގެ ލޮލަލަށް ފެންނަންވީމާ ސީދާ ޕޮއިންޓަށް ދަމާގެނުވީ ދަގަތްފާނަށްވުރެ މާވަރުގަދަ ބާރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޢިބްރަތްތެރި ވާހަކަ: ޚިޔާނާތްތެރިވަމުން އައި ފިރިމީހާގެ ޙަޤީޤަތް އަނބިމީހާގެ ލޮލަލަށް ފެންނަންވީމާ ސީދާ ޕޮއިންޓަށް ދަމާގެނުވީ ދަގަތްފާނަށްވުރެ މާވަރުގަދަ ބާރަކުން!

ބައެއް ފިރިހެނުން އަނބިންގެ ތަނަވަސްކަމުގައި އުދުހެމުންވެސް ހިލޭ އަންހެނުންނާއި ގުޅުންބާއްވައެވެ. ފަޅާއަރައިފިނަމަ އުޅެމުންދިއަ ރަންދުނިޔެ ކަޅު ވިލާގަނޑަކަށްވެގެންދާނެކަން އެނގޭއިރުވެސް ޖެހިލުމެއް ނެތި އެގޮތަށް އުޅެނީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތަށް ޝުކުރުވެރިވުމުގެ ކަންފުޅެއްވެސް ނެތުމުންނެވެ. 

ނަޞޭޙަތެއްގެ ގޮތުން ބުނެލަން އޮތީ މުޅި ޢުމުރުގަ ޚިޔާނާތްތެރިވެވޭނެ ކަމަށް ހީނުކުރާށެވެ! ފަޟީޙަތްވެ ބޭޒާރުވުމުގެ ވަޤުތު އައިސް ޖެހުމުން ކޮންމެވެސް ސަބަބެއް މެދުވެރިވެ ބޭޒާރުވާނެއެވެ. ވީމާ ތަނަވަސް ބައިވެރިއަކު، ޚާއްޞަކޮށް ހެޔޮލަފާ، ތަނަވަސް އަންތބަކު ލިބިއްޖެނަމަ އަތުން ބީވެގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! 

ތިރީގައިވާ ވާހަކައަކީ މިބުނިބަހުގެ ތެދުކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ! 

އެއީ އަނބިމިހާގެ ތަނަވަސްކަމުގައި ދިރިއުޅޭ ޢާއިލާއެކެވެ. 2 ދަރިން ގޮވައިގެން ޢީދު ބަންދަށް ފިރިމީހާގެ ރަށަށް ގޮސްލަން ނިންމިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިރިމީހާގެ ވަރަށް ގާތް ބޭރު ވިޔަފާރިއަކު އަންނާތީ ފިރިމީހާއަށް ދެވޭގޮތް ނުވީއެވެ. 

އެއީ ޢަރަފާތު ދުވަހެވެ. ހުކުރު ދުވަހެވެ. ފުރަން ހަމަޖެހިފައި އޮތީ ހެނދުނު 9 ޖަހާއިރުއެވެ. ފުރަން ކާރުގައި އެއާޕޯޓަށް ގެންގޮސްދިނީވެސް ފިރިމީހާއެވެ. އެއާޕޯޓަށް ބާލާފައި ފިރިމީހާ އެނބުރިއައީއެވެ. 

ކަންދިމާވިގޮތުން ދަތުރުކުރަން އޮތް ސީޕްލޭން ފްލައިޓްގެ ދަތުރު މެންދުރުފަހު 2 ޖަހާއިރު ފުރަން ލަސްވުމުން އެއާޕޯޓުގައި މަޑުކުރުމުގެ ބަދަލުގައި ޗެކިންގ ކަންކަން ނިންމާފައި އަނބިމީހާ ދެކުދިން ގޮވައިގެން ޓެކްސީއެއްގައި ގެއަށް އައީއެވެ. ފިރިމީހާ އެއިރު ނިދާފައި އޮންނާނެތީ އުނދަގޫނުކުރަންވެގެންނެވެ. ހުކުރުދުވަސްކަމަށްވުމުން ޑްރައިވަރުގެވެސް ޗުއްޓީ ދުވަސްކަމަށްވާތީއެވެ.   

ގެއަށް ގޮސް ކޮޓަރިހުޅުވާލިއިރު ފިރިމީހާ އޮތީ ނިދާކަށް ނޫނެވެ. ހިލޭ އަންހެނަކު ވައްދައިގެން މަޖާކުރަނީއެވެ. ކުއްލިއަކަށް އަނބިމީހާ ފެނުމުން ފިރިމީހާ ހީކުރީ އޭނާ ކުރާ ކަންތައް ގޭގެ ނޯކަރު އަނބިމީހާއަށް އެންގުމުން ދަތުރުހުއްޓާލާފައި ބަލަން އައީ ކަމަށެވެ.   

ފިރިމީހާ ވާހަކަދައްކަން އުޅުމުން އަނބިމީހާ ބުންޏެވެ. "ތިއަކުރާ ކަމެއްކޮށް ނިމުނީމާ ތިރިއަށް އަންނާށެވެ." އެހެންބުނެފައި ދޮރުލައްޕާފައި ނުކުތީއެވެ. ފަހަތުން ދެމީހުން ނުކުމެގެން އައިސް ވާހަކަދައްކަން އުޅުނީމާ ބުންޏެވެ. "އަހަރެން ކަލެއަށް ފާރަލީއެއް ނޫނެވެ. ދުވަހަކުވެސް މިބާވަތުގެ ކަމަކަށް ޝައްކެއްވެސް ނުކުރަމެވެ. ފްލައިޓް ފުރުން މެންދުރުފަހަށް ލަސްވީއެވެ. ކަލޭގެ ހުރި ތެދުވެރިކަން ލޮލަށް ދެއްކެވީއެވެ. ދެން މާގިނަ ވާހަކަ ދައްކަން ނުހަދާށެވެ. މިހުރި އަންހެން މީހާ ގޮވައިގެން އަވަހަށް މިގެއިންދާށެވެ. ނަމަވެސް ކަލެއަށް ދީފައި އޮތް ކާރަކު ނޫނެވެ. ދެން މިގެއަށް ވަދެގެން ނުވާނެއެވެ." 

އެދެމީހުން ގެއިން ބޭރުކޮށްލާފައި ގޭގައި ގެންގުޅޭ މީހުންނަށް ފިރިމީހާ ދެން ގެއަށް ނުވައްދަން ބުނެފައި އަނބިމީހާ 2 ކުދިން ގޮވައިގެން ދަތުރުދިއައެވެ. ނަމަވެސް ހުރީ ރަށުގައި އޭނާ ފިރިމީހާއަށް އަޅައިދީފައި ހުރި ބޮޑުގެއަކު ނޫނެވެ. ގެސްޓް ހައުސެއްގައެވެ. 

ފިރިމީހާ ގެއިން ފޮނުވާލުމުން ނޯކަރުން ބުނީ މެޑަމް ދަތުރަކުދާ ކޮންމެ ފަހަރަކުވެސް ފިރިމީހާ އެފަދަ ޢަމަލުތައްކުރާ ކަމަށެވެ. ފިރިމީހާއަށް ބިރުން ބުނަން ނުކެރެނީ ކަމަށެވެ. 

5 ދުވަސްކޮށްފައި އެނބުރި އައުމުން މިހާރު އަނބިމީހާގެ ފަހަތުން ދުވަނީއެވެ. ނަމަވެސް އަނބިމީހާ އެންމެކުޑަމިނުން އޭނާކުރާ ކޯލަކަށްވެސް ޖަވާބެއް ނުދެއެވެ. 

މިއީ މީގެ 2 އަހަރުކުރިން ބޮޑު ޢީދު ބަންދުގައި ހިނގައިދިއަ ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމުގެ އުންމީދުގައެވެ. މިފަދަ ޙާދިސާތައް ގިނަވެ ކައިވެނިތައް ރޫޅެމުންދާއިރު ފިލާވަޅަކަށްވާނެ ކަމަށެވެ. 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން