ގިނައިން ފެންނާނީ ފިރިމީހާގެ ތަނަވަސްކަން ކުޑަވެގެން އަނބިން ފިރިމީހާ އާއި ވަކިވެގެންދާ ކަމުގެ ވާހަކަތަކެވެ. ނަމަވެސް ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި މިފަދަ ވާހަކަތައް ގިނަވެ ގިނަބައެއްގެ ސަމާލުކަމަށް އެކަން އައިސްފައިވީނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ.
ޙަޤީޤަތަކީ ހެޔޮލަފާ އަނބިން ފޫހިވެ މާޔޫސްވަނީ ދަތިޙާލުގައި އުޅެންޖެހޭއިރުވެސް އާމްދަނީ އިތުރުކުރަން ފިރިން އިތުރަށް މަސައްކަތްކުރާތަން ނުފެންނާތީއެވެ. އަދި ލިބޭމިންވަރުން ޢާއިލާއަށް ޚަރަދުކުރަން ފަސްޖެހުމުގެ އިތުރުން އެކުވެރިންނާއިއެކު ހިތްހަމަޖައްސަން ކުރާ ޚަރަދުތައް އިތުރުވާތީއެވެ.
ތެދެކެވެ. ތަނަވަސް ދިރިއުޅުމަކަށް ދެވެން އޮތްނަމަ ދާނެ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް އެގޮތަށް ކަންތައްކުރަނީ ދިރިއުޅުމުގެ އަގު ވަޒަންނުކުރާ އަނބިންނެވެ. ވީމާ އެމީހުންނަކީ ހެޔޮލަފާ އަނބިންކަމުގައި ބެލެވޭނެ ގޮތެއް ނެތެވެ. އެމީހުން ވާނީ އަމިއްލަ އެދުން ބޮޑު މީހުންނަށެވެ.
ވީމާ ފިރިން ސަމާލުކަން ދޭންޖެހޭނެ ފުރަތަމަ ކަމަކީ ލިބޭ އާމްދަނީން ނުފުދޭނަމަ އާމްދަނީ އިތުރުކުރަން އިތުރަށް މަސައްކަތްކުރުމެވެ. ދެވަނައަށް ސަމާލުކަންދޭންވީ އެކުވެރިންނާއިއެކު ތިމާގެ އުފަލަށް ޚަރަދު ނުކުރުމަށެވެ. ހަމައެޢާއިއެކު ލިބޭ އާމްދަނީ ބޭނުންކުރެވޭ ގޮތް އަނބިމީހާއަށް އަންގައިދޭންވާނެއެވެ. އެކަމުގައި ތެދުވެރިވާންޖެހޭނެއެވެ.
ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް އެކަކު އަނެކަކަށް ޙިއްޞާކުރާށެވެ! އެއްވެސް ކަމެއް ނުފޮރުވާށެވެ! ކޮންމެ ކަމެއްގައިވެސް ތެދުވެރިވާށެވެ! އެއިރުން އެމީހެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ރިޒުޤް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން