ބައެއް ގެތަކުގެ ކަރަންޓްބިލް ބޮޑުވާ މައްސަލަ ދިރާސާކުރަން ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްވެސް އިމެއްނެތި ފޯރުކޮށްދޭނަން!: ޙުސައިން ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ބައެއް ގެތަކުގެ ކަރަންޓްބިލް ބޮޑުވާ މައްސަލަ ދިރާސާކުރަން ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްވެސް އިމެއްނެތި ފޯރުކޮށްދޭނަން!: ޙުސައިން ފަހުމީ

ބައެއްގެ ތަކުގެ ކަރަންޓްބިލް ބޮޑުވާ މައްސަލަ ދިރާސާކުރަން ޤައުމީ ޔުނިވާސިޓީއަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްވެސް އިމެއްނެތި ސްޓެލްކޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.  

ޙުސައިން ފަހުމީ މިމޭރުމުން ވިދާޅުވެފައިވަނީ ބައެއްގެތަކުގެ ކަރަންޓް ބިލް ބޮޑުވާ މައްސަލަ ދިރާސާކުރަން ސްޓެލްކޯ އާއި އެމްއެންޔޫ އާއިދެމެދު ފަހުމްނާމާއެއްގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.  

ޙުސައިން ފަހުމީ ދެއްކެވި ވާހަކަފުޅު:

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލާ ޑރ.ޝައުޤީ. ވައިސްޗާންސެލާ ޑރ.ޝެހެނާޒް. ޤައުމީ ޔުނިވަރސިޓީގެ އިސްވެރިން އަދި ލޮބުވެތި ދަރިވަރުން. ސްޓެލްކޯގެ އިސްވެރިން އަދި މުވައްޒިފުން، އައްސަލާމް ޢަލައިކުން ވަރަޙަމަތުﷲ ވަބަރަކާތު.

އަޅުގަނޑުހިތުން މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މިއަދަކީ ރާއްޖޭގެ ޙަޔާތުގައި ޢިލްމީ ދިރާސަތަކަށް ބޭސްކޮށް ޑިސިޝަން ނެގުމުގެ އުއްމީދު އާވާ ދުވަހެއްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުމެން ސްޓެލްކޯއިން އިސްނަގައިގެން މިއަދު ޤައުމީ ޔުނިވަރސިޓީއާއެކު ސޮއެ ކުރި މި ފަހުމްނާމާއަކީ ޢިލްމީ ދިރާސާތަކަށް ބޭސްކޮށްގެން ނުވަތަ ބިނާކޮށް ޑިސިޝަން މޭކްކުރުމުގެ ނުވަތަ ބަސްބުނުމުގެ ގޮތުން އަޅުގަނޑުމެން ޔުނިވަރސިޓީއާއެކު ސޮއެކުރެވުނު ސޮއެކުރެވުމެއް.

އަޅުގަނޑު ދެކޭގޮތުގައި ޤައުމީ ޔުނިވަރސިޓީއަކީ ވަރަށް މިނިވަން  ޙަޤީގަތުގައިވެސް މިނިވަން މުއައްސަސާއެއް. އަދި މިޤައުމުގަ މުސްތަޤްބަލްގަ ވެރިކަން ކުރާނެ ޖީލެއް ބިނާކުރާ، އެހެންމަ ތިބޭފުޅުން ތި ނަންގަވާ ޑިސިޝަންއާ ދޭތެރޭގަ، ތިބޭފުޅުން ނިންމަވާ ނިންމުންތަކާ ދޭތެރޭގަ ޝައްކު ކުރާނެ އެއްވެސް ބަޔަކު ނޫޅޭނެ މި ޤައުމަކުއެއް.

އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނަށް އަދި ޤައުމުގައިވެސް އުފެދިފައިއޮތް ޚިޔާލު ތަފާތުވުމެއް އެބައޮތް! ބައެއް ގޭގޭގެ ކަރަންޓްބިލް ބޮޑުވަނީ! ބޮޑުވާ މައްސަލާގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް މިނިވަންކަމާއެކު، އިންސާފުވެރިކަމާއެކު ޢިލްމީ ދިރާސާއެއް ކުރައްވާފަ ޕަބްލިޝް ކޮށްލަދެއްވުން.

މިކަމަށްޓަކާ އަޅުގަނޑުމެން ކޮށްދެއްވާނެ ކަމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި އަޅުގަނޑުމެންނަށް ދެވެންހުރި ހުރިހާ މައުލޫމާތެއް ދީ އަޅުގަނޑުމެންގެ ސިސްޓަމަށް އެކްސެސްވުމުގެ ފުރުސަތު ތިބޭފުޅުންނަށް ދިނުން! އެކަމުގަ ނޯއްނާނެ މިނެއް، އިމެއް. ޔަޤީންކޮށް މިއަރުވަނީ ހަމަ ހުރިހާ ރިސޯސެއް އަޅުގަނޑުމެން އެވެއިލޭބަލް ކޮށްދޭނަމޭ. އެހެންމެ އަޅުގަނޑުމެން ވަރަށްބޮޑަށް އެދޭއެދުމެއް އެއްވެސް ކަހަލަ ހިފެހެއްޓުމެއްނެތި މީގެ ޙަޤީގަތް ރައްޔިތުންނަށް ހާމަވާނެގޮތަކަށް މިކަންތައް ކޮށްދެއްވުން.

އަޅުގަނޑު ވަރަށްބޮޑަށް ޝުކުރުދަންނަވާލަން ޗާންސެލާ އަދި ވައިސްޗާންސެލާއަށް އަދި ޔުނިވަރސިޓީގެ އިސްބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާލި  ދަންނަވާލުމަށް ވަރަށް އަވަހަށް މިކަންތައް ހަމަޖައްސާލަ ދެއްވީތީވެ.

ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ޤައުމަށްޓަކާ ތިޔަ ކޮށްދެއްވާ މިންނެތް އަގުހުރި މަސައްކަތަށް ހަމަ ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ އަމިއްލަ ނަމުގަ އަދި ކުންފުނީގެ ނަމުގަ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ.

ވައްސަލާމް ޢަލައިކުމް

 

 

މިއަދު އޮންލައިން