ގދ. ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ގދ. ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރީން ހައްޔަރުކޮށް، ޑީޕޯޓުކުރަން މިނިސްޓްރީން ނިންމުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކުރިނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ބިދޭސީން ޑީޕޯޓު ކުރަން ނިންމީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭތީއާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށްވާތީއެވެ. މި މުޒާހަރާއަކީ ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ތިނަދޫގައި ކުރި މުޒާހަރާއެކެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރަޖިސްޓްރީއެއް އެކުލަވާލާ، ގަވާއިދަށް ފައްތަން މަސައްކަތް ކުރުމާއި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.