ސަރުކާރުގެ މުވައްޒަފުންނަށް އިޝާރާތުގެ ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސަރުކާރުގެ މުވައްޒަފުންނަށް އިޝާރާތުގެ ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބޭސިކް ސައިން ލޭންގުއޭޖު ކޯހެއް ފަށައިފިއެވެ. މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތް ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ.

ކޯހުގެ ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށް ބެޗުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން ފެށި މި ކޯހުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމެވެ.

މި ކޯހަކީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދީ، ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ކޯހުގެ ސަބަބުން އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމަޔަށް ފަސޭހަކަމާއެކު ވާސިލުވެވޭނެކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން