ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން، ހަރ އެކްސެލެންސީ ޒޫ ޗުންޝިއު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރިއާއި އިޤްތިޞާދީ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ދަތުރުފުޅުގެ ތެރޭގައި، ވައިސް ޗެއަރމަން ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި، ސަރުކާރުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން، ޗައިނާ (ސިޗުއާން) - މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްއެއް، 6 އޯގަސްޓްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ސިޗުއާން ޕްރޮވިންސްގެ އެކި ދާއިރާތަކުގެ ވިޔަފާރިތަކުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތަކާއި، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސްކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާ ބެހޭ ވިޔަފާރިތަކާއި، ކޮންސިއުމަރ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިތަކާއި، ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ވިޔަފާރިތައް ހިމެނެއެވެ.
ޢިޤްތިޞާދާ ވިޔަފާރިޔާބެހޭ ވުޒާރާއިންވަނީ މި ކޮންފަރެސްގައި ބައިވެރިވުމަށް އެދޭ ދިވެހި ވިޔަފާރިތަކަށް ކޮންފަރެންސްގައި ބައިވެރިވާން ހުށަހެޅުމަށް ނިމިދިޔަ ޖުލައިމަހުގެ 18 އާއި ހަމަޔަށް ފުރުޞަތު ދެއްވާފައެވެ. މި ކޮންފަރެންސްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ އެކި ކުންފުނިތަކާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ފުރުޞަތު ލިބި، ވިޔަފާރިއަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.