ސްޓެލްކޯ އާއި ޕޮލިޓެކްނިކުން ފަހުމްނާމާއެއްގައި ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ސްޓެލްކޯ އާއި ޕޮލިޓެކްނިކުން ފަހުމްނާމާއެއްގައި ސޮއިކޮށްފި

ސްޓެލްކޯގެ މުވައްޒަފުންނަށް ސެޓިފިކޭޝަން ކޯސްތައް ހިންގުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވެ އިތުރު ތަޖުރިބާ ހޯދުމުގެ އިތުރުން، ޕޮލިޓެކްނިކްގެ ދަސްވާރުންނާއި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، މި ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި ފަންނީ އާޖީލެއް އުފެއްދުމަށްޓަކައި، ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ މި ފަހުމުނާމާ އަކީ، ސްޓެލްކޯ އަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށާއި އަދި ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ސސޮއިކުރި ފަހުމުނާމާއެއް.ކަމަށެވެ. 

ފަހުމުނާމާގެ ދަށުން އެއްބަސްވާ ކަންކަމަކީ: 

•  ޕޮލިޓެކްނިކް އިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 

•  ޕޮލިޓެކްނިކް އިން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން. 

•  ސްޓެލްކޯގެ މާލެ އަދި ގްރޭޓަރ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، މި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، މި މަސައްކަތް ބައްލަވާލެއްވުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން. 

•  ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުން.  

•  ޕޮލިޓެކްނިކް އިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން. 

•  ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ  ސްޓެލްކޯގެ ތަޖުރިބާ އަދި ތަޢުލީމް ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުޞަތު ފޯރުކޮށްދިނުން.     

•  މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްޤީ އާއި ގުޅިގެން، ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިޞްލާޙް ކުރުމަށްޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން.

•  ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ، ހިންގުމުގައި، ޕޮލިޓެކްނިކް އިން އެދިލައްވާ ގޮތުގެމަތިން، މި ކަންކަމުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން. 

•  ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކް އާއި ގުޅުންހުރި "އިން-ހައުސް ޓްރެއިނިންގ" ޕްރޮގްރާމްތަކުގައި، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ޖާގައޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން. ކަމަސް ސްޓެލްކޯއިން ބުނެއެވެ. 

މި ފަހުމުނާމާގެ މުއްދަތަކީ، މި ފަހުމުނާމާގައި ސޮއިކުރާ ތާރީޚުން ފެށިގެން، މީލާދީ ގޮތުން 05 (ފަހެއް) އަހަރު ދުވަހެވެ. 

ފަހުމްނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު = ޙުސައިން ފަހުމީ އެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީން އެވެ.

 

މިއަދު އޮންލައިން