ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިސްރަށްވެހިންގެ އިތުރު މަރުކަޒެއް މިމަހު ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަރުކަޒަކީ ރާއްޖޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ ދެވަނަ މަރުކަޒެވެ.
ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، އުތުރާއި މެދުރާއްޖޭގެ އިތުރުން ދެކުނުގައިވެސް އިސްރަށްވެހިންގެ މަރުކަޒު ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ފުރަތަމަ މަރުކަޒު "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި މިދިޔަ ފެބްރުއަރީމަހު ވަނީ ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒު ހުޅުވާފައެވެ. މި މަރުކަޒު ހިންގަމުން ގެންދަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގި ޢިމާރާތުގައެވެ.
އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. މި މަރުކަޒުތައް ޤާއިމްކުރުމަކީ މި ވަޢުދުފުޅު ފުއްދުމަށް އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.
ހުޅުމާލޭގައި އިސްރަށްވެހިންގެ މަރުކަޒެއް ޤާއިމްކުރުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަން ޔަޤީނެވެ.