މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ 470 ވަރަކަށް އުޅަނދުގެ ތެރެއިން 200 ވަރަކަށް އުޅަނދު މިހާރު މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ސިނާން ވިދާޅުވީ، "މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މިއުޅެނީ ގާތްގަނޑަކަށް 470 ވަރަކަށް އުޅަނދު. 200 ވަރަކަށް އުޅަނދު މިހާރުވެސް އަޅުގަނޑުމެންގެ ދަފްތަރުގެ ތެރެއަށް ވަދެވިއްޖެ," ކަމަށެވެ. އަދި ވީހާވެސް ގިނަ އުޅަނދުފަހަރު ސިސްޓަމްގެ ތެރެއިން ރަޖިސްޓްރީވެގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޑރ. ހުސައިން ސިނާން ވިދާޅުވިއެވެ.
މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމާއި، މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ.