މާލޭ އިންޑަސްޓްރިއަލް ޒޯނުން ހެވީ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ހެވީ ވެހިކަލަށް ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެމްޕީއެލްއިން މިކަން ނިންމީ، މާލޭގައި ބޭނުންކުރާ ހެވީ ވެހިކަލްތައް އިތުރުވުމާއި އެކު، އެފަދަ އުޅަނދުތަކަށް ޚާއްސަ ޕާކިން އޭރިއާއެއް ކަނޑައަޅާފައި ނެތުމުންނެވެ. މިއީ ހެވީ ވެހިކަލް ގެންގުޅޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއްކަމަށް އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
މި ޕާކިން ޒޯނުގައި އެކި ބާވަތުގެ ހެވީ ވެހިކަލްތަކަށް ވަކި ވަކި އަގުތަކެއްގައި ސްލޮޓް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން:
- ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަޕް/ލޮރީއަށް 100 ސްލޮޓް، މަހަކު 2000 ރުފިޔާގެ ރޭޓުން
- ބައުޒަރަށް 32 ސްލޮޓް، މަހަކު 4000 ރުފިޔާގެ ރޭޓުން
- ކްރޭނަށް 4 ސްލޮޓް، މަހަކު 6000 ރުފިޔާގެ ރޭޓުން
- އެހެނިހެން އުޅަނދުތަކަށް 30 ސްލޮޓް، މަހަކު 4000 ރުފިޔާގެ ރޭޓުން
އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ މި ސްލޮޓްތައް ދޫކުރާނީ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަން ދީގެންކަމަށެވެ. މިއީ މާލޭގެ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.