މާލޭގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ އަދަދު ކަނޑައެޅުމަށް ދިރާސާ ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
މާލޭގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ އަދަދު ކަނޑައެޅުމަށް ދިރާސާ ފަށަނީ

މާލޭގައި ރަޖިސްޓްރީކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މި ދިރާސާ ހެދުމަށް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށާއި، އެފަރާތާއެކު މަޝްވަރާކޮށް، ދިރާސާގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމުގައި މިހަފްތާ ނިމުމުގެ ކުރިން ސޮއިކުރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މޭޔަރ އާޒިމް އިތުރަށް ވިދާޅުވީ، ވެހިކަލް ލިމިޓްކުރުމުގެ އުސޫލު ހެދޭނީ މި ދިރާސާ ނިމުމަށްފަހު ކަމަށެވެ. އަދި އެރަށެއްގެ ކެރީން ކެޕޭސިޓީ ކަނޑައަޅާނީ ކައުންސިލުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ދިރާސާ ނިމޭނެ ވަކި މުއްދަތެއް މިވަގުތު ބުނެދޭން ދަތިކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.

މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވަމުންދާތީ، ޓްރެފިކް ޖާމްވުމާއި ޕާކިންގގެ ދަތިކަން ޙައްލުކުރުމަށް މިފަދަ ދިރާސާއެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މިއަދު އޮންލައިން