އިސްލާމިކްމިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް ބަޔަކު އުފައްދާފައިވާ ވީޑިއޯއަކީ ނާތަހުޒީބު ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.
ޝާހިދު މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި، ކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނާނެ ކަމަށެވެ. އަދި ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެކި ފަރާތްތަކުގެ އަބުރު ކަތިލުމަށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ ފެތުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަންޖެހޭ ކަމަށާއި، އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާ ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު މި ޓްވީޓް ކުރައްވާފައިވަނީ ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް އުފައްދާފައިވާ ވީޑިއޯއަކާ ގުޅިގެން އުފެދިފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. މި މައްސަލައިގައި ޝާހިދު ވަނީ މިފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.