ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބު ގުޅިފައިވަނީ ކާމިޔާބު އިންވެސްޓްމަންޓްތަކާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު ފައިސަލް މިހެން ވިދާޅުވީ އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އަ ހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ތަރައްޤީއަށް އައު މަގުތަކެއް ހުޅުވިގެންދާ ކަމަށާއި އިންވެސްޓަރުންނަށްވެސް އިތުރު ފަސޭހަތަކާއި ފުރުޞަތުތައް ލިބިގެންދާ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދީ، ލުއި ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކަށް ހީވާގިކަމާއެކު ތާއީދުކޮށް، އެކަންކަން ތަންފީޒުކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނަށް ހިތްވަރުދެން. ފަތުރުވެރިކަން ފުޅާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަން ދެން." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުން 7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ބޮޑު އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.