ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅުއްވައިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް ޕްރޮޕޯސަލް ހުށައަޅާފައިވާ ރަށްތަކަކީ ރ. އަތޮޅު އިނގުރައިދޫ، ދ. އަތޮޅު ކުޑަހުވަދޫ، މ.އަތޮޅު ކައުންސިލް އަދި ލ.އަތޮޅު މާވަށު ކައުންސިލް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ސިޓީސް މިނިސްޓްރީން ވަރަށް އަވަހަށް ނިންމެވުމަށް ފަހު ރައީސުލް ޖުމުހުރިއްޔާގެ އަރިހަށް ފޮނުއްވެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމުގައެވެ.

25 އަހަރުގެ މުއްދަތަށް ފަޅުރަށެއް ލިބުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ވެސް ޙައްލު ލިބުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށާއި، އެ ގޮތުން ސިނާޢީ މަސައްކަތްތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން